މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމެންޓްސް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރެވޭ ލިޔެކިޔުން ހޯދުމުގައި ދަތިތައް މެދުވެރިވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަން ހައްލު ކުރުމަށްޓަކައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޕާސްޕޯޓާއި އައިޑީކާޑާއި ވާކް ވިސާ ކާޑާއި ލައިސަންސް ކާޑާއި އެއާޕޯޓް ސެކިއުރިޓީ ފާހާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އާއި އައިޑީ ކާޑް ނަންބަރު ޖެހި ރަސްމީ ލިޔެކިޔުންތައް ބޭނުން ކުރެވޭނެ ކަމަށް ބުންޏެވެ.

ނަމަވެސް އެއީ މައުލޫމާތު ސާފުކޮށް އެނގެން ހުރި ލިޔެކިޔުންތަކަށް ވުން ލާޒިމެވެ. އެފަދަ ލިޔެކިޔުމެއް އޮތް ނަމަ އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ކުރުމާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވޭނެ އެވެ.