ކޮވިޑް 19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 177.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކު މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމާ ސަރުކާރުން އެކަން ހާމަކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެލަވަންސްގެ ގޮތުގައި ހަރަދު ކުރާވަރު ސަރުކާރުން ހާމަކުރަން ފެށީ އެ އެލަވަންސް ނުލިބޭ ކަމަށް ބުނެ އެތައް ބަޔަކު ޝަކުވާ ކުރަން ފެށުމުންނެވެ.