ގައުމީ ދުވަހު އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަންވީ ދެވަނަ ކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދެއްވި އަދި ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި، ދިވެހިންނަށް ދިވެހި ރާއްޖޭގައި ދިވެހިންގެ ވެރިކަމެއް ކޮށްދެއްވި ރައީސް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރުން މިހާރަށް ދޫކޮށްލެއްވުން ކަމަށް ޕީއެންސީގެ ރައީސް އަދި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގައުމާ މުޚާތަބް ކުރައްވަން ހަމަޖެހިފައިވާއިރު އެކަމަށް ރައްދު ދެއްވާ އބްދުއްރަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ގައުމީ ދުވަހު ދިވެހިރައްޔިތުންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަން އިބްރާހީމް މުޙައްމަދު ސާލިހު މިއަދު ލަދުފުޅު ގަންނަވަން ޖެހޭނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ ގައުމިއްޔަތު ފުނޑާލާފައި ދިވެހިރާއްޖޭގެ މިނިވަންކަން ވިއްކާލާފައި ދިވެހި ރައްޔިތުން އަޅުވެތިކޮށްފައި ދެން އަރާ ދައްކާނެ ގައުމީ ދުވަހުގެ ވާހަކައެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަން އޮތް އެންމެ ރަނގަޅު ކަމަކީ ދިވެހިންނާ ދިވެހި ގައުމު ހަވާލު ކުރައްވާފައި އިސްތިއުފާ ދެއްވުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އިބްރާހީމް މުޙައްމަދު ސާލިހެކޭ ތުއްފާރަނާއެކޭ އެއްވެސް ތަފާތެއް ނެތް. ހަމަ ހަގީގަތުގައިވެސް އިބްރާހީމް މުހައްމަދު ސާލިހާއި ކެނެރީގޭ މުހައްމަދު ނަޝީދު އަޅުގަނޑަށް ސިފަކުރެވެނީ މީދޫ ތަކުރާ މީދޫ ތަކުރުގެ ދަރި ތުއްފާރަނާ ހަސަނާ ދެމީހުންގެ ގޮތުގައި. އެއީ އަނދިރިއެއް އައްޔެއް ނެތް އެމީހުންނަކަށް. ވެރިކަމުގައި ތިބެވިއްޖާ ހެޔޮ. ބާރާ އާރާ އޮތިއްޔާ އެންމެ ރަނގަޅު. އެމީހުން ބުނެއުޅުނީ ތިމަންނަމެންނަށް މައްލައެއްނެތޭ ދިވެހިން ނޫނަކަސް. ތިމަންނަމެންނަށް ވެރިކަން އޮވެއްޖިއްޔާ ހެވޭ. އެހެންވީމަ އެވަރުގެ ބަޔަކު އަރާ ދައްކާނެ ގައުމީ ވާހަކައެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން. " އަދުރޭ ވިދާޅުވިއެވެ.
ގައުމީ ދުވަހު އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަންވީ ދެވަނަ ކަމަކީ ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދެއްވި އަދި ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެބޮޑު ގުރުބާނީއެއްވެ ވަޑައިގެންނެވި، ދިވެހިންނަށް ދިވެހި ރާއްޖޭގައި ދިވެހިންގެ ވެރިކަމެއް ކޮށްދެއްވި ރައީސް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާރުން މިހާރަށް ދޫކޮށްލެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ޕްރެޝަރާހުރެ ފިއްލަދޫ ރައްޔިތުންގެ ހިތްވަރާހުރެ ދައްޕަރު އަލުން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނުމަށް ސަރުކާރުން ނިންމެވީތީ ފިއްލަދޫގެ ރައްޔިތުންނަށް ރައީސް ޔާމީނާ އަދުރޭ މަރުހަބާ ވިދާޅުވިއެވެ. އެކަމުގައި ތެދުވަން ރައްޔިތުންނަށް ހިތްވަރު ލިބުނީ ފިއްލަދޫ ރައްޔިތުން ކުރި ހިތްވަރުން ކަމަށާއި އެކަމުގައި ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެމްބަރުން މަޖިލީހުގެ 65 މެމްބަރުންނާ ދެކޮޅަށް ކުރެއްވި މަސައްކަތް އަދުރޭ ފާހަގަކުރެއްވިއެވެ.
"ހަމައެގޮތަށް އަޅުގަނޑު އިބްރާހީމް މުހައްމަދު ސާލިހަށް ދަންނަވަން އުތުރު ތިލަފަޅު އެއްބަސްވުން މިރެއިން މިރެއަށް ބާތިލްކޮށް އެތަން ދިވެހި ސިފައިންނާ ހަވާލުކޮށްދެއްވާށޭ. އަދި މިގޮތަށް ހެދިފައިހުރި ހުރިހާ ގޮތްނޭނގޭ އެގްރީމެންޓްތައްވެސް ބާޠިލްކޮށްދެއްވާށޭ. ބާޠިލްކޮށްދެއްވާފައި ދިވެހީންގެ ޙައްގު ދިވެހިންނަށް ހޯދައިދެއްވާށޭ. މި ދިވެހި ފަސްގަނޑުގައި ބޭރު ގައުމެއްގެ އަސްކަރީ ބާރެއް އޮންނާކަށް ދިވެހިން ނޭދޭ. އަދި އެކަން ކުރުމުގެ ފުރުސަތެއް ގާނޫނު އަސާސީން އެއްވެސް ބަޔަކަށް ނުދޭ." އަދުރޭ ވިދާޅުވިއެވެ.
ދީނަށް ފުރައްސާރަ ކޮށްފިއްޔާ އެއީ ނުކުޅެދޭ މީހެއް ކަމަށާއި މަސްތުގެ ހާލުގައި ހުރި މީހެއް ނޫނީ ބުއްދި ހަމަނުޖެހޭ މީހެއް ނުވަތަ މޮޔައެއްކަމަށާއި މިއީ ދުނިޔޭގެ އެހެން ތަންތާނގައިވެސް އެތަންތަނުގައި ލާދީނީ ކަންކަން ފަތުރަން ބޭނުންކުރާ ވަސީލަތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. މިއީ ކަނޑައެޅިގެން މިއަދުގެ ސަރުކާރުން ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. މިއީ މިއަދު ދިވެހި ރައްޔިތުން ބަލައިގަންނަ ކަންތައްތަކެއް ނޫންކަމަށާއި މިސަރުކާރާ ދެކޮޅަށް އަޑުއުފުލާ މަގުމައްޗަށް ނުކުންނަން ޖެހެނީ އެހެންވީމާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މިއަދު ރައީސް ޔާމީނަށް ކަފާލާތު ލިބިދާނެ ކަމަށް އިންތިޒާރު ކުރިކަމަށާއި ރައީސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ފަދައިން ކަފާލާތު ދޭންވީ ވަގުތު ފާއިތުވެ ހިނގައްޖެ ކަމަށެވެ. 2 އަހަރު ދުވަސް އަނިޔާ ދީފައި ދެން ކޮންމެހެން ކަފާލާތެއް މުހިއްމު ނޫން ކަމަށާއި ބޭނުންވަނީ ރައީސް ޔާމީންގެ ޝަރީޢަތް ވީހާވެސް އަވަހަށް ނިމިގެން ދާންކަމަށް އަދުރޭ ވިދާޅުވިއެވެ. ހައްގުގެ މަގަށް މާތްﷲ އަބަދުވެސް ނަސްރު ދެއްވާނެ ކަމަށާއި ރައީސް ޔާމީނަށްވެސް މާތް ﷲ ނަސްރު ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.