ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާއި ގުޅިގެން ރައީސް ސޯލިހު ވަނީ މަހުލޫފު މަގާމުން އެކަހެރި ކުރައްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުން ސަސްޕެންޝަން އުވާލާފައިވަނީ ހަތަރު މަސް ދުވަސްވީއިރު ވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ. މަހްލޫފް ސަސްޕެންޝަންގައި ހުންނެވީ މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާ ގޮތަށެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ބެލުމަށް ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.