އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިސްވެ ތައްޔާރު ކުރަމުންދާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަޙްމަދު ޒަމީރު ސޮއިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މި ޕެޓިޝަނުގައި ސޮއި ކުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި އިއްޔެ ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، އިއްޔެ ކުރިޔަށްދިޔަ ހަރަކާތެއްގެ ތެރެއިން، ޒަމީރުވަނީ އެ ސަރަޙައްދަށް ވަޑައިގެން ޕެޓިޝަންގައި ސޮއި ކުރައްވާފައެވެ.

މިކަމާ ގުޅިގެން ރޭ ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ އެ ޕާޓީން ދޭ ޓިކެޓެއްގައި މަގާމަކަށް އިންތިހާބުވެ ހުރެ، ޒަމީރު އިދިކޮޅުގެ ޕެޓިޝަނުގައި ސޮއި ކުރެއްވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފު ކަމެއް ކަމަށާއި، އެ ޕާޓީގެ މައްޗަންގޯޅި ދެކުނު ދާއިރާއިން މި އަމަލު ކުއްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އެ ޕާޓީގެ ހާރިޖީ ސިޔާސަތަކީ އެހެން ގައުމުތަކާ އެކު އޮންނަ ގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުން ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ ހަރުދަނާ ގުޅުންތަކެއް ކަމަށްވެފައި، އިދިކޮޅުން ހިންގާ ކެމްޕޭނަކީ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހިންގާ "ވިޔާނުދާ" ކެމްޕޭނަކަށް ވާތީ، ޒަމީރު ސޮއި ކުރެއްވުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ކަންތައްތައް ނުކުރުމަށާއި އެ ސޮއި އަނބުރާ ނެންގެވުމަށް އެ ދާއިރާގެ އެމްޑީޕީ މެމްބަރުންގެ ފަރާތުން ކައުންސިލަރު އަހުމަދު ޒަމީރަށް ގޮވާލާ ކަމަށް ބަޔާނުގައި ވެއެވެ.