ބިން ސަލްމާންގެ ޗެރިޓީން ގަވާއިދާ ޚިލާފް އަމަލުތަކެއް ކޮށްފައިވާކަން ބޭޒާރުވުމާ ގުޅިގެން ސައޫދީ ސަރުކާރުން ތަހުގީގު ކުރަން ފައްޓައިފިއެވެ.

އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސްއިން ބުނިގޮތުގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުންވެސް ދަނީ ސައޫދީ ވަލީ އަހްދުގެ ޗެރިޓީ "އަލްމިސްކް" އިން ސިއްރު އޮޕަރޭޝަންތަކެއް ހިންގާފައިވާތީ އެކަން ތަހްގީގު ކުރަމުންނެވެ.

އަލްމިސްކްގެ ތަހްގީގު ފެށުނީ، ސައޫދީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ، ސަޢުދުލް ޖާބިރީ ކެނެޑާގައި ދެއްވި އިންޓަރވިއުގައި ބައެއް ވާހަކަތައް ބިން ސަލްމާނާއި އަލް މިސްކާ ބެހޭ ގޮތުން ދައްކަވައި ބޭޒާރުކޮށްލުމާ ގުޅިގެންނެވެ.

އަލް މިސްކްއާއި އެކު އަލްމިސްކްގެ އިސް ފަރާތެއް ކަމުގައިވާ ބަދްރުލް އަސާކިރުގެ ތަހްގީގުވެސް ދަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހިންގަމުންނެވެ. ފައިނޭންޝަލް ޓައިމްސްއިން ބުނިގޮތުގައި މިއިން އެއްވެސް ފަރާތެއްގެ ނަން ސާފުކޮށް ޖަސްޓިސް ޑިޕާޓްމަންޓުން ބަޔާންކޮށްފައެއް ނުވެއެވެ.

ބަދްރުލް އަސާކިރުއަކީ، ތުރުކީގައި ބޮޑު ކީސް އަޅައިގެން ކޮށައި މަރާލާފައިވާ ނޫސްވެރިޔާ ޚާޝޮގްޖީގެ މައްސަލާގައިވެސް ތުހުމަތު ކުރެވިފައިވާ ބިން ސަލްމާންގެ ގާތް މީހެކެވެ.

ޚާޝޮގްޖީ މަރާލުމާ ގުޅިގެން އެމެރިކާގެ ޗެރިޓީ ގޭޓްސް ފައުންޑޭޝަންއާއި ހަރވަރޑް ޔުނިވަރސިޓީން ވަނީ އަލްމިސްކާއެކު އޮންނަ ގުޅުންވެސް ކަނޑާލާފައެވެ.