ނެދަރލޭންޑްސްގެ ކުކުޅުމަހާއި، އެނޫންވެސް ކާން ބޭނުންކުރާ ދޫންޏެއްގެ މަސް ދެކުނު ކޮރެއާއަށް އެތެރެކުރުން، ދެކުނު ކޮރެއާގެ ސަރުކާރުން މަނާކޮށްފިއެވެ.

ނެދަރލޭންޑްސްގެ ކުކުޅުމަހާއި، އެއްވެސް ބާވަތެއްގެ ދޫނިމަސް އެތެރެކުރުން ދެކުނު ކޮރެއާއިން މަނާ މިކުރީ، ނެދަރލޭންޑްސްގެ ކުކުޅުތަކަކުން ދޫނިރޯގާގެ އަސަރު ފެނުމާ ގުޅިގެންނެވެ.

މިކަން ހާމަކުރީވެސް ނެދަރލޭންޑްސް ސަރުކާރުންނެވެ.

ނެދަރލޭންޑްސް ސަރުކާރުން ބުނެފައިވަނީ، އެގައުމުގެ މެދުތެރޭ ގެލްޑަރލޭންޑްގައި ފާރމެއްގައި ގެންގުޅޭ ކުކުޅުތަކަކަށް ދޫނިރޯގާ ޖެހިފައިވާކަން ހާމަވެފައިވާ ކަމަށެވެ.

މިކަމާހެދި، ދެކުނު ކޮރެއާ ސަރުކާރުގެ އެގްރިކަލްޗަރ މިނިސްޓްރީން ވަނީ، ނެދަރލޭންޑްސްގެ ކުކުޅުމަހާއި އެއްވެސް ބާވަތެއްގެ ދޫންޏެއްގެ މަސް އަދި އޭގެ ބިހާއި އަދި މަހުން ކުކުޅާއި ދޫނީގެ މަހުން އުފައްދާ އެއްވެސް ބާވަތެއްވެސް އެތެރެކުރުން މަނާކޮށްފައެވެ.

މި ހަފްތާ ތެރޭގައި ދެކުނު ކޮރެއާއިންވެސްވަނީ އެޗް5އެން8 ވައިރަސް ފެނިފައެވެ. މި ވައިރަސް ފެނިފައިވަނީ ޖަންގަލީ ދޫނިތަކެއްގެ ގައިންނެވެ.

މިކަމާހެދި ދެކުނު ކޮރެއާގައިވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.