ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، މާލޭގެ ވިޔަފާރިތަކާއި އަތޮޅުތަކުގައި ހިންގާ ވިޔަފާރިތަކަށް ބިލްކުރާއިރު އެއް ހަމައަކުން ބިލް ކުރުމަށް ފެލިދެ އަތޮޅު ކައުންސިލާއި ރައްޔިތުން އެދިވަޑައިގެންފިއެވެ.

އެ ކައުންސިލުން މިކަމަށް އެދިވަޑައިގެންފައިވަނީ ކައުންސިލްގެ ރައީސް ޝުޖާޢު ޢަލީ ސޮއި ކުރައްވައި ސަރުކާރަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި އެދިވަޑައިގެންފައިވަނީ ސަރުކާރުގެ ޕޮލިސީ ލެވެލްގައި އެކަމަށް މަޝްވަރާ ކޮށްދެއްވުމަށެވެ. ޔުޓިލިޓީ ރެގިއުލެޓަރީ އޮތޯރިޓީއަށް ފޮނުއްވާފައިވާ ސިޓީގައި، ވިދާޅުވެފައިވަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަތޮޅުތަކާއި، މާލެ ސަރަޙައްދުގެ ވިޔަފާރިތަކުން ނަގަމުންދާ ކަރަންޓު އަގުގެ ތަފާތު ބޮޑުކަމުން ކަންބޮޑުވާ ކަމަށެވެ.

ފެލިދެއަތޮޅު ކައުންސިލް ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަށްފުށުގައި އުފެދިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމުގައި މިވަގުތަށް ދިމާވެފައިވާ އެންމެބޮޑު ތަކުލީފުތަކުގެ ތެރޭގައި، ކަރަންޓަށް ކުރަންޖެހޭ ޚަރަދު ބޮޑު ކަމަށެވެ. ފަތުރުވެރިކަން ކާމިޔާބު ކަމާއެކު ވ.އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކުރެވެން ފެށުމާއިއެކު ރަށްރަށުގައި ފަތުރުވެރިކަމާއި، ޚިދުމަތް ދިނުމުގެ ދާއިރާއާ ގުޅުންހުރި ތަފާތު އެތައް ކުދި ވިޔަފާރިތަކެއް ރަށްރަށުގައި ވަނީ އުފެދިފައެވެ. އޭގެ ސަބަބުން ރަށްފުށުގެ ދިރިއުޅުން ތަނަވަސްވެ، އާޢިލާތަކަށް އުފާވެރިކަމާއި އިތުރު ތަނަވަސްކަމެއް ލިބިފައިވާ ކަމަށް ސުޖާއު ވިދާޅުވެފައިވެއެވެ.

ރަށްފުށުގެ އިޤްތިޞާދާއި އިޖްތިމާޢީ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިންނަކީ ރަށްރަށުގައި އުފެދިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމުގައިވެސް އޭނާ ވިދާޅުވެފައިވެއެވެ. ތަނަވަސްކަން ލިބެމުން އަޔަސް އަތޮޅުގައި އުފެދިފައިވާ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެބޮޑު ތަކުލީފަކަށް ވެފައިވަނީ ހިންގުމުގެ ޚަރަދުގެ ގޮތުގައި ކަރަންޓަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުވުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިކަމުގެ ކަންބޮޑުވުން އަތޮޅުގެ ހުރިހާ ވިޔަފާރިތަކަކުން ވެސް ފާހަގަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަރަންޓުގެ ޚަރަދު ބޮޑުވުމުގެ އެންމެބޮޑު އަސްލެއް ކަމަށް ފާހަގަވަނީ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި، އަތޮޅުތަކުގައި ހިންގޭ ވިޔަފާރިތަކުން ނަގަމުންދާ "ޓެރެފިކް ރޭޓް" އަދި "ބޭންޑް"ގެ ތަފާތު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ޚާއްޞަގޮތެއްގައި ކަރަންޓުގެ ޚިދުމަތުގެ އަގު ކުރުމަށް ކަނޑައަޅާފައިވާ ބޭންޑް ތަކުގައި ހުރި ތަފާތުކަން އެއީ ކަރަންޓަށް ރަށްފުށުގައި އުފެދިފައިވާ ވިޔަފާރިތަކުން ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ މައިގަނޑު ސަބަބު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖޭގެ "ޢާއްމު ބޭނުންތަކުގެ ޚިދުމަތުގެ ޤާނޫނު" ގައި ބަޔާންކުރާ، ޢާއްމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން، ކަރަންޓްގެ ޚިދުމަތަކީ ރައްޔިތުންގެ އާއްމުދިރިއުޅުމާއި ގުޅިފައިވާ ޟަރޫރީ ގޮތުން ބޭނުންވާ ޚިދުމަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ޚިދުމަތެވެ. އަދި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު" ގައި ޢާއްމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަމައި އިންސާފުވެރިކަން ކަށަވަރުކުރުމަށް މަގުފަހިކުރުން މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައިވާކަން ފެލިދެ އަތޮޅު ކައުންސިލުގެ ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އަތޮޅުތަކާއި މާލެއާއި މިފަދަ ބޮޑު ތަފާތުތަކެއް ހުރުމަކީ ވިޔަފާރި ހިންގުމަށް އަތޮޅުތަކުގައި އޮތް ފުރުޞަތުތަކަށް ހުރަސް އެޅިގެންދާ ކަމެއްކަމުގައި ވެސް ވިދާޅުވިއެވެ.

ވިޔާފާރިތަކުން ޓެކްސް ދެއްކުމުގައި އަތޮޅުތަކުގައި އުފެދިފައިވާ ވިޔަފާރިތަކައި، މާލޭ ސަރަޙައްދުގައި ކުރެވޭ ވިޔަފާރިތަކާއި އެއްވެސް ތަފާތެއްނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ކަރަންޓްގެ ޚިދުމަތްފަދަ ޢާއްމު ޚިދުމަތަކުން މިފަދަ ބޮޑު ތަފާތުކުރުމެއް ގެންގުޅުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. އަސާސީ ޚިދުމަތުގެ ތެރޭގައި ހިމެނޭ "ކަރަންޓްގެ ޚިދުމަތް" ފޯރުކޮށްދިނުމުގައި މާލެއާއި އަތޮޅުތަކާ ދެމެދު މިހާބޮޑު ތަފާތުކުރުމެއް ހުރުމުން އެކަމަށް ހައްލެއް ހޯދުމަށް މަސައްކޮށްދެއްވުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ކޮޕީ ކުރައްވާފައިވާ ސިޓީގައި ޝުޖާޢު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންގާރަ ދުވަހު ވަނީ ތަސްދީޤު ކުރައްވައިފައެވެ.