އުތުރުގެ ރަށެއްގައި 11 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ އުތުރު ޕޮލިސް ޑިވިޜަން ގައި ހިމެނޭ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު، 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލާގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.