ބޭންކް އޮފް މޯލްޑިވްސްއިން ކްރެޑިޓް ކާޑުގެ ލިމިޓް އިތުރުކޮށްފިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔަ އަހަރު ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް ބަދަލު ގެނެސްފައި އޮތުމަށްފަހު، ލިމިޓަށް އިތުރު ބަދަލުތަކެއް ގެނެއުމަށް ނިންމާފައެވެ.

މިގޮތުން 17 އޮކްޓޫބަރު އިން ފެށިގެން އެމެރިކަން އެކްސްޕްރެސް (ގްރީން/ގޯލްޑް)، ވިސާ (ކްލެސިކް/ގޯލްޑް) އަދި މާސްޓަރކާޑް (ސްޓޭންޑަޑް/ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދެއްގެ ގޮތުގައި 750 ޑޮލަރު ހަމަޖައްސާފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެކަމަށާއި، ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މި ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ލިމިޓަށް ބަލައި ރާއްޖެން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު އިތުރުކޮށްފައިވާކަމަށާއި، މި ހަފްތާ ތެރޭގައި ބޭންކުން އެ ކަސްޓަމަރުންނަށް މި އަދަދުތަކާ ގުޅޭ މައުލޫމާތު ދިނުމަށްހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.

މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށާއި، މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.