'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' އަކީ ޔޫ.އެން.ޑީ.ޕީ ދިވެހިރާއްޖެ އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ މަޤްސަދަކީ ޒުވާނުން ބާރުވެރިކުރުވާ ދިވެހިރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި މެދު ވިސްނާ އެކަމާއި ގުޅިގެން ދިމާވާ މައްސަލަތައް ފިލްމްގެ ޒަރިއްޔާއިން ހާމަކޮށްދިނުން ކަމަށް ޔޫއެންޑީޕީ ރާއްޖެ އޮފީހުން ވިދާޅުވިއެވެ. މީގެ ސަބަބުން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމްންޓަރީ-ސްޓައިލް ފިލްމް ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތަކާއި އުކުޅުތައް ދަސްވެގެންދާނެއެވެ.

މި ޕްރޮޖެކްޓްގައި ހިމެނޭނީ ތަމްރީން ބަޔަކާއި ޕޯސްޓް-ޕްރޮޑަކްޝަން ބަޔެކެވެ. ކޮންމެ ބައެއްވެސް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުންނެވެ. އަދި މި ޕްރޮޖެކްޓް ނިމިގެން ދާއިރު ބައިވެރިން ގްރޫޕްތަކަށް ބަހާލެވި މި އަހަރުގެ ޝިޔާރަށް (ތިމާވެއްޓަށް އަންނަ ބަދަލުތައް) 5 ކުރު ފިލްމް ތައްޔާރުކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިއީ އ.ދ.ގެ 13 ވަނަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއާއި ގުޅުވައިގެން އެކުލެވިފައިވާ ޝިޔާރެކެވެ. ބައިވެރިންގެ ފިލްމްތައް ދެން އެކި ސޯޝަލް މީޑިއާ އަދި ޕަބްލިކް ޕްލެޓްފޯމް ތަކުގައި ދާއްކާނެއެވެ. މީގެ އިތުރުން މި ފިލްމްތައް އެކިއެކި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭ ޒުވާނުންގެ އެޑްވޮކަސީ މަންސިތަކުގައި ދެއްކުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެއެވެ.

ބައިވެރިވެވޭނެ ފަރާތްތައް

18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް މި ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ނަމަވެސް އިސްކަން ދެވޭނީ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މީގެ ތެރެއިން ޕްރޮޖެކްޓްގައި ބައިވެރިވުމަށް ހޮވާލެވޭނީ 30 ފަރާތެވެ. މި ޕްރޮޖެކްޓްގައި އަންހެނުން ބައިވެރިވުމަށް އިތުރަށް އިލްތިމާސްކުރަމެވެ. ބައިވެރިން ހޮވުމުގައި ބޮޑަށް ބަލާނީ ފިލްމް ހެދުމުގެ ތަޖުރިބާ މަދު ފަރާތްތަކަށެވެ.

ބައިވެރިވެވޭނެ ތާރީޚު

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވުމަށް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 24 އޮކްޓޫބަރު 2021 އެވެ.

ބާއްވާނެ ތާރީޚު

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގެ ތަމްރީން ބޭއްވޭނީ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގައެވެ. ތަމްރީން ބޭއްވޭނީ ހުރިހާ ބައިވެރިން އެއްތާކު ތިބެގެންނެވެ.

ބާއްވާނެ ތަން

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ޓްރެއިނިންގ ސެޝަންތައް ބޭއްވޭނެ ތަން ފެށޭ ތާރީޚާއި ކައިރިކޮށް ހާމަކުރެވޭނެއެވެ.

'ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން' ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކުން ބައިވެރިވާ ފޯމު ހުށައެޅޭނެއެވެ.

tinyurl.com/ffcca21

ޚަބަރު: ޔޫއެންޑީޕީ މޯލްޑިވްސް