މިހިނގާ އޮކްޓޯބަރު 17 ވަނަދުވަހުގެ ލިޔަލަށް ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްޖެހި މީހުންގެ އަދަދު 351،570 އަށް އަރައިފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު 396 މީހަކުވަނީ އަލަށް ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެދުވަހު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 39 އެވެ. އެ އަދަދާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 393،718 އަށް އަރައިފައެވެ.

އެދުވަހު މާލެ ސަރަހައްދުން 31 މީހަކުވަނީ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަތޮޅުތެރެއިން 8 މީހަކުވަނީ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އެދުވަހު މާލެ ސަރަހައްދުން ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 231 މީހެކެވެ. އަތޮޅުތެރެއިން ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވަނީ 165 މީހެކެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމަށް 6 ސެންޓަރާއި މޯބައިލްކޮށް ހަރަކާތްތެރިވާ ތިން ޓީމެއް ހިމެނެއެވެ. އަތޮޅުތެރޭގައި ޖުމްލަ 176 ސެންޓަރު ވަނީ ގާއިމްކޮށްފައެވެ.

އެޗުޕީއޭގެ އެންމެފަހުގެ ހިސާބުތައް ދައްކާ ގޮތުގައި 3668 ސާމްޕަލެއްވަނީ ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ނަގައިފައެވެ. އޭގެތެރެއިން ޕޮޒިޓިވްވެފައިވަނީ 46 ސާމްޕަލެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 14 ސާމްޕަލެވެ. މީހުން އުޅޭ ރަށްރަށުން 22 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައެވެ. ރިސޯޓުތަކުން 9 ސާމްޕަލެއް ވަނީ ޕޮޒިޓިވް ވެފައެވެ. ސާފާރީތަކުން ޕޮޒިޓިވްވެފައިވަނީ އެންމެ ސާމްޕަލެކެވެ.

ޖުމްލަކޮށް ބަލާއިރު ރާއްޖޭގެ ކޮވިޑް ހާލަތު މިވަގުތަށް އެހާ ގޯހެއް ނޫނެވެ. މިހާރަށްވުރެވެސް ބޮޑަށް ހާލަތު ރަނގަޅު ކުރުމަށް އެޗުޕީއޭގެ އިރުޝާދުތަކަށް ތަބާވުން ވަރަށް މުހިންމު ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ.