ވެންޓިލޭޓަރު މައްސަލަ ތަހުގީގުކޮށް، އޭސީސީން ނެރުނު ރިޕޯޓުގައި ހިމެނޭ ފަރާތްތަކާމެދު ދައުވާ ކުރުމުގެ މައްސަލަ އަލުން މުރާޖައާކުރަން ޕީޖީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފިއެވެ.

އެ މައްސަލަ ކޮމިޓީން ނިންމައި، ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، އެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަަހަޅައި ބަހުސް ކުރުމަށްފަހު އެއަށް އޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަހުގީގު ކުރުރުމަށްފަހު، އެކުލަވައިލި ރިޕޯޓުގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުން، އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް އެ ރިޕޯޓު އަނބުރާ ފޮނުވާލުމުން އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، އެ ކަމާ ގުޅިގެން ޕީޖީ އޮފީހަށް ހުށަހެޅުންތަކެއް ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.

އޭގެ ތެރޭގައި ތަހުގީގީ އިދާރާތަކުގައި ހުރި އެ މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ޕްރޮސިކިއުޓާ ޖެނެރަލް ހޯއްދެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލަފާ އެރުވުމާއި މިމައްސަލަ އަލުން މުރާޖައާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ އެރުވުމުގެ އިތުރުން މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ ހުސެއިން ޝަމީމު ނިންމަވާ ގޮތެއް ކޮމިޓީއަށް އެންގުމަށް ދެންނެވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މި މައްސަލަ ކޮމިޓީން ބަލާފައި ވަނީ ޕީޖީ ހުސެއިން ޝަމީމު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުގެ އިތުރުން އޭސީސީން ކަމާބެހޭ މައުލޫމާތު ހޯދައިގެންނެވެ. މި މައްސަލަ ކޮމިޓީން ބެލުމުން ފަސްކަމެއް ފާހަގަވާކަމަށް ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ހިމަނާފައި ވެއެވެ.

އޭގެ ތެރޭގައި ޑުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ވެންޓިލޭޓަރުތައް ގަތުމުގެ މުއާމަލާތުގެ ހުރިހާ މަރުހަލާތަކެއްގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވުމާއި ދައުލަތުގެ ފައިސާއަށް ރައްކާތެރި ވުމަށް އޮންނަ ގޮތްތައް އިހުތިޔާރުކުރުމަށްވުރެ ބޮޑަށް ރައްކާތެރި ނުވެވޭނެ ގޮތްތައް އިހުތިޔާރު ކޮށްގެންކަން ހިމެނެއެވެ.

މި މައްސަލަ ތަހުގީގު ކޮށްފައި ވަނީ އޭސީސީ އާއި ފުލުހުން ގުޅިގެން ކަމަށް ބަޔާންކޮށްފައި ވި ނަމަވެސް، ތަހުގީގުގައި ފުލުހުން ބައިވެރިވެފައިވާ ކަން، ނުވަތަ ބައިވެރިވެފައިވާ މިންވަރު އޭސީސީ ރިޕޯޓިން ސާފުވާން ނެތުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ޕީޖީ ނިންމެވި ނިންމެވުން އެ މައްޗަށް ބިނާކުރެއްވި ސަބަބުތަކާއި އޭސީސީ ރިޕޯޓު، އެ މައްޗަށް ބިނާކުރި ސަބަބުތަކާ ދެމެދު ހިލާފުތަކެއް ހުރި ނަމަވެސް ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގެ އިތުރު ބައިވެރިވުމާއެކު ޕީޖީގެ ނިންމެވުން މުރާޖައާ ކުރައްވައި މައްސަލައިގައި ދައުވާކުރަން ފުރުސަތު އޮތްކަން ފާހަގަ ކުރެވޭ ކަމަށްވެސް ކޮމިޓީން ބުނެފައި ވެއެވެ.

މި މައްސަލައާ ބެހޭގޮތުން ޕީޖީ ޝަމީމު ކޮމިޓީއަށް ދީފައިވާ މައުލޫމާތުތަަކަކީ، ސިއްރު މައުލޫމާތު ތަކަކަށްވާތީ އެ މައުލޫމާތުތައް ކޮމިޓީ ރިޕޯޓައި ހިމަނާފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް އޭރު ހުންނެވި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭގޮތަށް 11 ފަރާތަކަށް ދައުވާ ކުރަން އޭސީސީން ޕީޖީ އަށް ފޮނުވިއެވެ.

މި މައްސަލައިގައި އޭސީސީން ފޮނުވި ރިޕޯޓުގައި ހިމެނޭ ފަރާތްތަކަށް ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށްދިނުމަށް އޭސީސީން ވެސް ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.