ނާއިބު ރައީސް ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހަތަރު ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި ނާއިބު ރައީސް އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށް ކަމަށެވެ. އެމަނިކުފާނު، ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ. ހަމަ އެއާއެކު ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތައް ރަސްމީކޮށް އިފްޠިތާޙް ކޮށްދެއްވުމާއި، ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ބިންގާ އަޅުއްވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. މިދަތުރު ފުޅުގައި އެ ސިޓީގެ ކައުންސިލާ ބައްދަލު ކުރައްވާނެއެވެ. އޭގެ އިތުރުން ބައެއް އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު އެމަނިކުފާނު، އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ޓްރެއިނިންގ ޕްރޮގްރާމެއް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދެ މަންޒިލަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.