އެންމެ ހައި ރިސްކު މީހުންނަށް ޖަހަން ފަށާފައިވާ ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، 1500 ވުރެ ގިނަ މީހުން ޖަހައިފި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އެ އޭޖެންސީން ބުނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިން ކަމަށާއި، ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިން ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ފުރިހަމަކުރި ފަރާތްތަކަށް އެކަނި ކަމަށެވެ.

ބޫސްޓާ ޑޯޒު ރާއްޖޭގައި ޖަހަންޖެހެނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށެވެ. އަދި ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށިމީހުންނެވެ.

އެޗްއީއޯސީން ބުނީ މިހާތަނަށް 1577 މީހުންނަށް ވެކްސިންގެ ބޫސްޓާ ޑޯޒު ދީފައިވާކަމަށެވެ.