ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އައްޑޫ އަދި ފުވައްމުލައް ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ފުވައްމުލައް ސިޓީއަށް ވަޑައިގެން، އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ ބުރަ މަސައްކަތް ކައުންސިލުން ފާހަގަކުރައްވާކަން ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުވައްމުލައް ސިޓީގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހިނގަމުންދާ ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނީ ރަށުގެ ތަރައްޤީއަށް ކުރެވޭ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހިނގާ ކަންކަން ކަމުގައި ވެގެންދިއުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ފުވައްމުލައް ސިޓީގެ ތަރައްޤީގެ އެންމެހާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވާ މަސައްކަތްތަކެއް ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި މޮޑެލް ސްކޫލް ކޮންސެޕްޓަށް ސްކޫލް ތަރައްޤީކުރުމާއި ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ޚިދުމަތްތަކާބެހޭ ވާހަކަތައް ހިމެނެއެވެ.
މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ފުވައްމުލައް ސިޓީގެ ޕަވަރ ހައުސްގެ މަސައްކަތާއި ލަފާ ފުރުމުގެ މައްސަލައިގެ އިތުރުން ރައްކާތެރިކަމާއެކު މޫދަށް ދެވޭނެގޮތެއް ނެތުމާއި ސްކޫލް ކުދިންނަށް ޓެބްލެޓްތައް ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު އޮތް ގުޅުން ކެނޑިފައިއޮތުން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާމެދު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވާފައިވެއެވެ.
މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ސާފުކުރަން ބޭނުންވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާފައެވެ. ކައުންސިލްގެ ފަރާތުން މިއަދު ފާހަގަކުރެއްވި ކަންކަމަށް ހައްލުހޯދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރެވެންހުރި ކަންކަން ދެނެގަނެ އެފަދަ އެހީތެރިކަމެއްވާނަމަ އެކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް އެ އިދާރާތަކާއި ގުޅިގެން ކުރިޔަށްގެންދަވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ ބިން ބައްލަވާލައްވަން ވަޑައިގެންފައެވެ.