ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކު ސްކޫލަށް ޒިޔާރަތް ކުރައްވާ، އެ ސްކޫލްގައި އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމަށް އިތުރަށް ބޭނުންވާ ކްލާސްރޫމް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.

ފުވައްމުލަކު ސްކޫލަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުއްވުމަަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގައި ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ގެންގުޅުއްވާ ވިސްނުމަކީ ސްކޫލްތަކުގައި ފަސޭހަކަމާއެކު ރަނގަޅު މާހައުލެއްގައި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދީ އަދި މުވައްޒަފުންނަށް އެކަންކަން ކުރެވޭނެފަދަ މާހައުލެއް އިރާދަކުރެއްވިއްޔާ ގާއިމްކޮށްދިނުން ކަމުގައި ވިދާޅުވި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލަށް ވަޑައިގެން، ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ.

ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތައުލީމު ފޯރުކޮށްދޭން ތިއްބަވާ އެންމެހާ ފަރާތްތަކުން، ރަށުގެ މަސްލަހަތާއި ކުދިންގެ މުސްތަޤުބަލު އެހެން ހުރިހާ ކަމެއްގެ މައްޗަށް އިސްކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ 4 އަވަށުގެ 4 ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، އެކަންކަމާއިމެދު މަޝްވަރާކުރައްވައިފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ކަންކަމާއިމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި ސިޔާސަތުތައް ހިއްސާކުރައްވާފަ އެވެ.