އަޙުސަނުލްއިސްލާމަކީ ސައްހަ ވިސާއެއްގައި ރާއްޖެއަށް އެތެރެވި ބަންގްލަދޭޝް މީހެކެވެ. މަސައްކަތު މީހެއްގެ ގޮތުގައެވެ. އޭނާގެ ބަލަދުވެރިޔާ އޭނާއަށް މުސާރަ ނުދީ މަގުމަތިކޮށްލުމުން ގޭގޭގައި މަސައްކަތް ކޮށްދީގެން ކާނާއާއި އާމްދަނީ ހޯދަން އޭނާ ފެށިއެވެ. އެއަށްވުރެން ފަސޭހަ ކަމެއްގެ ގޮތުގައި އޭނާއަށް ފެނުނީ މިސްކިތް ސާފުކޮށް ބެލެހެއްޓުމެވެ.

މީހުން އޭނާ ދަންނަނީ މުންޑު މުދިމުގެ ނަމުންނެވެ. އެއީ މުންޑު އަނދެގެން މިސްކިތުގައި އުޅެ، މިސްކިތް ބަލަހައްޓައި ބައެއް ފަހަރު އިމާމްވެ ނަމާދު ކޮށްދީ ހަދާތީއެވެ.

މިހާރު އާމްދަނީ އިތުރުވެ މަސައްކަތް ފަހިވުމުން އޭނާ މިސްކިތާ ދުރުވެއްޖެއެވެ. އެކަމަކުވެސް މުންޑު މުދިމެވެ! އޭނާ އުޅޭ އއ. އަތޮޅު ރަށުގެ މީހުން އޭނާގެ ނަމެއް ނުދަނެއެވެ.

އެހީތެރިއެއްގެ ގޮތުގައި ރާނާ މުށިޖަހަން އުޅުމުން ގްރައިންޑަރަށް އޭނާގެ އަތް ފަރިތަވިއެވެ. ތެދަށް މުށިގަނޑު ކަފާލައެވެ. އުޑަފައިން އިނދެގެން ފަސޭހައިން މުށި ޖަހައެވެ. އުސް އަށިތަކަށް ފަސޭހައިން އަރައިގެން ރާނާ ސިމެންތި ޖަހާލައެވެ. އެކަނި ވަޅު ކޮނެ ވަޅު ބަހައްޓާލައެވެ.

މަސައްކަތް ކުރުވަން ބޭނުންވެފައިވާ ރަށު މީހުންނަށް އޭނާއަކީ އޯލް އިން ވަން އެކެވެ.

މަގުމަތިވެފައިވާ އޭނާގެ ރަށު މީހެއް ފެނިއްޖެނަމަ އެމީހާ އޭނާގެ ގްރޫޕްގައި ގެންގުޅެއެވެ. މަހު މުސާރަ ދޭން ޖެހޭ ހިސާބުން އޭނާ ދުރުކޮށްލައެވެ.

ވަޅެއް ބެހެއްޓުން 2500 ރުފިޔާއަށެވެ. ދެ ދުވަހުގެ މަސައްކަތެވެ.

ފާޚާނާއެއް މުށި ޖަހާލަން އަށް ހާސް ރުފިޔާއެވެ. އެއް ދުވަހުގެ މަސައްކަތެވެ.

ރާނާއި ކޮންކްރިޓް ކުރުމަށް އިތުރު އަގުތަކެކެވެ.

މަހެއްގެ މައްޗަށް އޭނާގެ އާމްދަނީ ލައްކައާ ގާތް ކުރެއެވެ. އޭނާގެ ގްރޫޕް މީހުންގެ މުސާރައާއި ޚަރަދާއި އޭނާ އެއްރަށުން އަނެއް ރަށަށް ކުރާ ޚަރަދަށް ކަނޑައި އަދި އޭނާ ބަލަހައްޓާ އަންހެން ކުދިންގެ ޚަރަދަށް ކަނޑައިވެސް ދައުލަތުގެ މުވައްޒަފަކަށްވުރެން ގިނައިން ޖީބަށް ލައެވެ.

މުންޑު މުދިމަކީ އެންމެންގެ ރަހުމަތްތެރިޔާއެވެ. މަސައްކަތް ކުރާނެ އަތްތައް މަދުވުމުން އޭނާގެ ޑިމާންޑް އިންތިހާއަށް ބޮޑެވެ. ކައުންސިލު މެމްބަރުންނާއި ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންނާއި ޒިންމާދާރު ވެރިންނާއި އެންމެނަކީ އޭނާގެ ޚިދުމަތް ލިބިގަންނަ މީހުންނެވެ. މަގާމުގެ ހައިސިއްޔަތުން އޭނާ މަސައްކަތް އަގުހެޔޮ ކޮށްދީވެސް ހަދައެވެ.

މުންޑު މުދިމޭ ކިޔަސް، އަދި އަހުސަނުލް ކިޔަސް އޭނާއަކީ އަތް މަތީގައި ފައިސާ ގެންގުޅޭ ފައިސާ ރޯލުކުރާ މަގްބޫލު މީހެކެވެ. އޭނާއާ އެއްފަދަ މި ބާވަތުގެ އެތައް ބިދޭސީންނެއް ދައުލަތުގެ ނިޒާމަށް ރޭކާލުމަކާ ނުލައި ނުވަތަ ދައުލަތުން ކަނު ލޮލެއް ދިނުމުގެ ނަތީޖާއެއްގެ ގޮތުން އަތޮޅުތެރޭ ރަށްތަކުގައި ހަރަކާތްތެރި ވެއެވެ.

މުންޑު މުދިމުގެ ދެބޭންގެ ދެދަރި މީހަކީ އޭނާއާ އެއްފަދައިން ގަވާއިދާ ޚިލާފަށް ދައުލަތުގެ ރާޑަރަށް ނާރައި، ރަށްރަށުގައި ބޮޑު އަގުގައި މަސައްކަތް ކޮށްދީގެން ގިނަ ފައިސާ ހޯދާ ބިދޭސީންގެ ފައިސާ ރޯލު ކޮށްދޭ މީހެކެވެ. ޑޮލަރުގެ ބާޒާރުގައި މިފައިސާ ރޯލު ކުރެވެއެވެ.

ރަށްރަށުގެ ގެސްޓްހައުސްތަކަށް ވަންނަ ޑޮލަރުތައް ރުފިޔާއަށް ހަދައިދޭން އަބަދުވެސް މުންޑު މުދިމުގެ އަތުގައި ކޭޝް ހުންނާނެއެވެ. އޭނާއަށް ދިވެހި ރުފިޔާ ބަދަލުކޮށްދީގެން ލިބޭ ޑޮލަރު ދައުރު ކުރާނީ ޑޮލަރު މާރުކޮށްދޭ އޭނާގެ ދެބޭންގެ ދެދަރި މީހާއެވެ.

މިއީ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ނޭނގި ދައުލަތުގެ މުއައްސަސާތަކުގެ ކާޕެޓްގެ ދަށުން އޮމާންކަމާއެކު ހިނގާ މަނީލޯންޑަރިންގއާއި ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރީގެ އޮޕަރޭޝަންތަކެވެ. ދިވެހިންނަކީ ހަމަ އޯގާތެރި ބައެކެވެ. ސަރުކާރުވެސް އެހާމެ އޯގާތެރިއެވެ!