މާދަމާގެ އިންތިޚާބުގެ ފަހުން ޑރ. އެންތަނީ ފައުޗީ މަގާމުން ވަކި ކުރައްވާނެ ކަމުގެ އިޝާރާތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޑރ. އެންތަނީ ފައުޗީއަކީ އެމެރިކާގެ އިންފެކްޝަސް ޑިޒީޒްގެ އެންމެ އިސް އެކްސްޕާޓެވެ. އޭނާއަކީ 1984 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ޑިރެކްޓަރެވެ.

ކޮވިޑްބައްޔާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީވެސް ޑރ. އެންތަނީ ފައުޗީއެވެ.

ޑރ. އެންތަނީ ފައުޗީ މަގާމުން ދުކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ޓްރަމްޕް މި ކުރެއްވީ، ކޮވިޑާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޓްރަމްޕާއި ޑ. ފައުޗީއާ ދެމެދު ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ވަގުތެއްގައެވެ.

ފްލޮރިޑާގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ޓްރަމްޕްވަނީ، އެމެރިކާގައި ބަލިފެތުރުން މަޑުޖެހުމަކަށް ނައިސް، ހައްތަހާ ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން ސަޕޯޓަރުން އެއް އަޑަކުން ގޮވާލަމުން ގެންދިޔައީ ފައުޗީ މަގާމުން ދުރުކުރުމަށެވެ.

ސަޕޯޓަރުންނަށް ޖަވާބު ދެއްވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އިންތިޚާބު ނިމެންދެން މަޑުކޮށްލައްވާނެ ކަމަށެވެ. އަދި އެވާހަކަ "އެއްވެސް މީހެއްގެ ގާތު" ނުބުނުމަށްވެސް އެދިވަޑައި ގެންނެވިއެވެ.

އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވީ، ޑރ. ފައުޗީ ދެއްވާ "ލަފާ" އޭނާ ބަލައިގަންނަ ކަމަށެވެ.

ޑރ. އެންތަނީ ފައުޗީ މަގާމުން ދުރުކުރައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް މިކުރެއްވީ، ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ވައިޓްހައުސް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަ ދެއްކެވިފަހުންނެވެ.

ޑރ. ފައުޗީ ވިދާޅުވީ، އެމެރިކާގައި ބަލީގެ ހާލަތު މިހާ ބޮޑަށް ގޯސްވެގެން ގޮސްފައިވަނީ ރައީސް ޓްރަމްޕް ބައްޔާމެދު ދެކެވަޑައިގަންނަވާ ގޮތުގެ ސަބަބުން ކަމަށެވެ.

ޑރ. އެންތަނީ ފައުޗީ މިފަހުން ވިދާޅުވަމުން ގެންދަވަނީ، އެމެރިކާގައި ބަލި ފެތުރުން ހުއްޓުވުމާ ގުޅޭގޮތުން އޭނާ ދެއްވާ އެއްވެސް ލަފަޔަކަށް ރައީސް ޓްރަމްޕް އަމަލު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޓްރަމްޕާ ވާހަކަ ނުދައްކަވާތާވެސް މަސްދުވަސް ވެފައިވާ ކަމަށް ޑރ. ފައުޗީ ވިދާޅުވެފައި ވެއެވެ.