އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިކަން ހާމަކުރައްވާ ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ސޮއެ ކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަމަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ނިންމުން ނިންމަވާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށެވެ. އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށެވެ.
އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާ ދެއްވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުންގެންދިއުމަށް، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އެންމެފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ 30 ދުވަހުގެ މުއްދަތަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެފަހަރު މުއްދަތު އިތުރުކުރީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.