މިއަހަރުގެ 3 ވަނަ ކްއަާޓަރ ގައި އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯގެ 3 ވަނަ ކްއާޓަރގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު، 8 އިންސައްތަ އިތުރުވެފައިވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ.
"ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެނިސްބަތުން އިތުރުކޮށްފައިނުވުމާއިއެކު ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ އޭގަ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 6 އިންސައްތަ ދަށްވެފައެވެ. އެހެންނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރި ކުރިއެރުމާއިއެކު ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 375 މިލިއަން ރުފިޔާ ލިބިފައެވެ." ތަފާސް ހިސާބުގައި ވެއެވެ.
އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި ހިންގުމުގެ ހަރަދު، ޕްރޮވިޝަން ނުހިމަނާ، ތިންވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަަލާއިރު 5 އިންސައްތަ ވަނީ ދަށްކުރެވިފަ އެވެ.
ފައިނޭންސް ކުރުމުގެ ހަރަދު ކުޑަ ކުރެވުމާއި ކުންފުނީގެ ސަބްސިޑިއަރީސް ތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮަސްޓްގެ ގޮތުގައި ވަނީ 6 މިލިއަން ރުފިޔާ ލިބިިފައެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން، ކުންފުނީގެ ސާފު ފައިދާ ގެ ގޮތުގައި ތިންވަނަ ކުއާޓަރ ގައިވަނީ 154 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ޑިވިޑެންޑް ފައިސާ ތިންވަނަ ކުއާޓަރގައި އެކައުންޓް ކުރުމެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓާރގެ ސާފު ފައިދާއަކީ 129 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު 17 އިންސައްތައިގެ ކުރިއެރުމެކެވެ.
މިފުރުޞަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަ އެވެ. އަދި މީގެ އިތުރުން މިނަތީޖާ ހާސިލްކުރުމަށްޓަކައި ކޮވިޑް ހާލަތުގައި ވެސް ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި މިންނެތް މަސައްކަތަށް ނިހާޔަތައް ޝުކުރު ދަންނަވަ އެވެ.