މިއީ އެހެން ގަައުމެއް ނަމަ ފެނިގެންދާނީ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ މާފަށް އެދުމާއި އެކު އިސްތިއުފާގެ ސިޓީ ރައީސްއަށް އަރުވާ މަންޒަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މާލޭގައި ޓެކްސީ ކުރަމުންދާ ހަމައެކަނި އަންހެން ޑްރައިވަރު ކަމަށްވާ އައިމިނަތު ވަހީދާގެ ޓެކްސީއަށް އެކި ފަހަރު މަތިން ގެއްލުންދީފައިވާ މައްސަލައާއި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ ހޯމް މިނިސްޓަރ އެދުވަަހު ދެއްކެވި ވާހަކައިން ޖިންސީ ކުށުގެ އަމަލުތަކަށް ހިތްވަރު ދެވޭ ކަމަށެވެ .އަދި އެހެން ގައުމެއް ނަމަ ފެނިގެންދާނީ މިނިސްޓަރ މާފަށް އެދުމާއި އެކު އިސްތިއުފާގެ ސިޓީ ރައީސްއަށް އަރުވާ މަންޒަރު ކަމަށެވެ.

މީހަކާ މެދު ޖިންސީ ކުށުގެ އަމަލެއް ހިންގީމާ ފުލުހުންގެ މިނިސްޓްރީއާ ފުލުހުންގެ މިނިސްޓްރީއާއި ހަވާލުވެގެން ހުންނަ މިނިސްޓްރީގެ ވަޒީރު އެއީ ކުޑަކަމެއް ވިދާޅުވީމާ އަޅުގަނޑަށް ހީވަނީ އެއީ މި އަމަލުތަކަށް ޖުމްލަ ގޮތެއްގައި ހިތްވަރު ދެވޭހެން. އަޅުގަނޑު ގަބޫލުކުރަން މިނިސްޓަރ ވަނީ މީގެ ކުރިން މާފަށް އެދިވަޑައިގެންފަ. އެމަނިކުފާނަށް އެ ވިދާޅުވެވުނު ބަސްފުޅުން. އެހެންނަމަވެސް، އެހެން ގައުމެއްގައި ނަމަ އަޅުގަނޑުމެންނަށް ފެންނާނީ މާފަށް އެދުމާއި އެކު އިސްތިއުފާގެ ސިޓީ ވެސް ރައީސްގެ އަތްޕުޅަށް އަރުވާ މަންޒަރު. އެހެންނަމަވެސް މި ރާއްޖޭގައި ވަރަށް ތަފާތު ގޮތަކަށް ބައްޓަން ވެފައި އޮންނަ ނިޒާމެއް. މި ނިޒާމަކީ އެއްވެސް ބޭފުޅަކު ވައްކަން ކުރެއްވިޔަސް ކިޔަން ނުވާވަރުގެ އެއްޗެއް، ހުންނަން ނުވާ ވަރުގެ މަގާމެއްގައި ހުރެގެން ވިދާޅުވިޔަސް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް، ހިޔާލެއް ހުންނަ މަންޒަރެއް އަޅުގަނޑުމެންނަށް ނުއެއް ފެނޭ.

މީކާއިލް މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެކަން ހިނގައި ދިޔަ ގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރ ވާހަކަ ދެއްކެވުމާއި ގުޅިގެން ނެވެ. އެމައްސަލއިގައި އާންމުންގެ ފާޑުކިޔުން ބޮޑުވެ މައްސަލައާއި ގުޅިގެން މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ ހުށައަޅާފައެވެ.

މީކާއިލް ވިދާޅުވީ ހޯމް މިނިސްޓަރަކަށް ހުންނަަަވާ ބޭފުޅަކަށް ޖެންޑަރ ބޭސްޑް ވަޔަލެންސްއަކީ ކޮބާ ކަމާއި ޖެންޑަރ ސެންސިޓިވް ބަސް މަގަކީ ކޮބައިކަން އެނގުން ވަރަށް މުހިއްމު ކަމަށެވެ. އަދި ފުލުހުންގެ އިދާރާގައާއި ތަހުގީގީ އިދާރާތަކުގައި ތިބެން ޖެހޭނީ މިކަންކަމަށް ހޭލުންތެރި ފަރާތްތައް ކަމަށްވެސް ވިދާޅުވިއެވެ.