ސްރީލަންކާގެ ގޮނޑުދޮށަށް ލެއްގި 120 ބޮޑުމަސް ސަލާމަތްކޮށް ކަނޑަށް ދޫކޮށްލައިފިއެވެ.
ބޮޑުމަސްތައް ލައްގާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުން އޮންނަ ޕަނަޑޫރާގެ ގޮނޑުދޮށަށެވެ.
ޕަނަޑޫރާގެ ގޮނޑުދޮށަށް މަސްތައް ލައްގަން ފަށާފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މަސްތައް ގޮނޑުދޮށަށް އައުމަށްފަހު ބޭރަށް ނުދެވި ތާށިވެފައި ތިއްބައި މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ރޭގައެވެ.
އެގޮތުން، ވޮލަންޓިއަރުންނާއި، ސްރީލަންކާގެ ކަނޑުގެ ސިފައިންނާއި ކޯސްގާރޑުންވެސް މަސްތައް ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވިއެވެ.
އެންމެން ގުޅިގެން ރޭ ހަތަރުދަމު ކުރި މަސައްކަތުން ގޮނޑުދޮށުން މަސްތައް ދުރަށް ގެންގޮސް ފުންކަނޑަށް ގެންގޮސް ދޫކޮށްފައިވާއިރު، ގޮނޑުދޮށުގައި ތާށިވުމުގެ ސަބަބުން އަނިޔާވި ދެމަހެއް މަރުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ސްރީލަންކާ ކަނޑުގެ ސިފައިންގެ ތަރުޖަމާނު އިންދިކާ ޑިސިލްވާ ވިދާޅުވީ، މަސްތައް ގޮނޑުދޮށް ސަރަހައްދުން ދުރަށް ގެންދިއުމަށް ބޭނުންކުރީ ފަޅުތެރޭގެ ސަރަހައްދުތައް ޕެޓްރޯލް ކުރަން ބޭނުންކުރާ ކުދި އުޅަނދުތައް ކަމަށެވެ.
މިއީ، ސްރީލަންކާގެ ތާރީޚްގައިވެސް އެގައުމުގެ ގޮނޑުދޮށަށް މިހާ ގިނަ އަދަދެއްގެ ބޮޑުމަސް ތާށިވި ފުރަތަމަ ފަހަރު ކަމަށް އެގަމުން ބުނެއެވެ.
އޮސްޓްރޭލިއާގެ ރަށެއް ކަމަށްވާ ޓަސްމޭނިއާއިން ފެނުނުފަދަ މަންޒަރެއް ސްރީލަންކާއިން ފެނިދާނެ ކަމަށް ބެލެވިގެން ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެއީ މަސްތައް ސަލާމަތް ކުރުމަށެވެ.
ޓަސްމޭނިއާގެ ގޮނޑުދޮށަށް މިއަހަރުގެ ސެޕްޓެމްބަރުމަހު 470 ބޮޑުމަސް ލައްވިއިރު، އޭގެ ތެރެއިން ސަލާމަތް ކުރެވުނީ 110 މަހެވެ. އެހެން ހުރިހާމަހެއް ވަނީ މަރުވެފައެވެ.