މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން މިދާ ނަސްރުގެ ދުވަސް ނިސްބަތްވާ، ޝަހީދު ޙުސައިން އާދަމްގެ ލޮބުވެތި ބައްޕަ ހދ. ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ފޯނުން ގުޅުއްވައި، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޙުސައިން އާދަމް ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ އަގު ވަޒަން ކުރައްވައި ޝުކުރުއަދާކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤަައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ފުރާނަ ޤުރްބާން ކުރައްވައި، އެކުރެއްވި މަތިވެރި ޖިހާދަކީ، ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފަނޑުވެގެންދާނެ ޖިހާދެއް ނޫންކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ޝަހީދު ޙުސައިން އާދަމަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިންގެ ބަޔަކާ ގުޅިގެން ލަންކާގެ ތަމަޅަ ބާޣީން ރާއްޖެ ހިފަން 1988 ނޮވެމްބަރު 3 ގައި ދިން އުދުވާނީ ހަމަލާގައި، 19 ދިވެހިން ވަނީ ޝަހީދު ކޮށްލައިފައެވެ.

އެ އުދުވާނުން ރާއްޖެއަށް ނަސްރު ލިބުނު ދުވަސް ދިވެހިން ފާހަގަ ކުރަނީ ނަސްރުގެ ދުވަހުގެ ގޮތުގައެވެ.