ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ ނައިބް ރައީސް ޝައިޚް މުހަންމަދު ބިން ރާޝިދު އަލް މަޚްތޫމްއަށް ކޮވިޑް-19 ވެކްސިން ދީފިއެވެ.
ޝައިޚް މުހަންމަދު ބިން ރާޝިދު އަލް މަޚްތޫމްއަކީ، ޔޫއޭއީގެ ބޮޑުވަޒީރުގެ އިތުރުން ޑުބާއީގެ ވެރިޔާވެސް މެއެވެ.
ކޮވިޑް-19 ވެކްސިން ޖެހިކަން ހާމަކުރެއްވީ، ޚުދު ޝައިޚް މުހަންމަދު ބިން ރާޝިދު އަލް މަޚްތޫމް ކުރެއްވި ޓްވީޓެއްގައެވެ.
ޓްވީޓްގައި ވިދާޅުވެފައިވަނީ، ޔޫއޭއީގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި، ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ޔޫއޭއީގައި ވެކްސިނެއް އުފެއްދުމަށް، ޔޫއޭއީގެ ޓީމުން ވަރުބަލިކަމެއްނެތި ކުރި ބުރަ މަސައްކަތަށް ނައިބް ރައީސް އަދި ބޮޑުވަޒީރު ޝައިޚް މުހަންމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ޓްވީޓުގައި ތައުރީފް ކުރައްވާފައި ވެއެވެ. ޔޫއޭއީއަށް ކުރިއަށްއޮތީ އުޖާލާ ދުވަސްތަކެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ޔޫއޭއީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީޙުންގެ އަދަދުވަނީ 136،149 އަށް އަރާފައެވެ. އަންގާރަ ދުވަހު އެކަނިވެސް 1،008 މީހުން އަލަށް ޕޮޒިޓިވްވިއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން އަންގާރަ ދުވަހުގެ ނިޔަލަށް 133،490 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށްވެސް ޔޫއޭއީ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ހާމަކޮށްފައި ވެއެވެ.
ޔޫއޭއިން ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައިވަނީ 503 މީހުންނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ ގަލްފް ސަރަހައްދުން އެންމެ ފުރަތަމަ ކޮވިޑްބަލި ފެނުނު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ކޮވިޑް ބައްޔާގުޅިގެން ޔޫއޭއީން ގެންދަނީ ޗައިނާއާ އެއްބައިވަންތަކަން ހާމަކުރަމުންނެވެ. ދުނިޔޭގައި ބަލި ފެތުރޭން ފެށިފަހުން ޔޫއޭއިން މިހާތަނަށްވަނީ ޑުބާއީގައި ހުންނަ ބްރްޖް ޚަލީފާވެސް ހިމެނޭގޮތުން އެގައުގެ މަޝްހޫރު ބިނާތައް ޗައިނާގެ ގައުމީ ދިދައިގެ ކުލަތަކުން ދެފަހަރެއްގެމަތިން ދިއްލާފައެވެ.
ކޮވިޑް ބަލި ފެތުރުން ހުއްޓުވުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާ ގުޅޭ ކަންކަމުގައި ތަޖުރިބާތައް ބަދަލުކުރުމަށް ޗައިނާގެ ޑޮކްޓަރުންނާއި، ސިއްހީ ތަޖުރިބާކާރުންނާއި، ޔޫއޭއީގެ ސިއްހީ ޓީމުތަކާ ދެމެދު އޮންލައިން ކޮންފަރެންސްތައްވެސް ބާއްވާފައި ވެއެވެ.