އަވަށްޓެރި ސްރީލަންކާގައި މިއަދު ފެށި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެއާއި ލަންކާ އެވެ. މި މެޗުގައި ރާއްޖެއިން 4 ލަނޑު ޖަހާ، ބޮޑި ލީޑެއް ނަގާފައިވަނިކޮށް ލަންކާއިން ވަނީ ފަހު ހާފުގައި 4 ލަނޑު ޖަހާ އެއްވަރުކޮށްފަ އެވެ.

ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 8 ވަނަ މިނެޓުގައި ރާއްޖެއަށް ލިބުނު ކޯނަރަކުން ޢަލީ އަޝްފާގުގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ އެވެ. މި ލަނޑު ޖެހިތާ މިނެޓެއް ފަހުން ޢަލީ ފާސިރު ވަނީ ރާއްޖެއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފަ އެވެ.

މި މެޗުގައި ރާއްޖެއިން ޖެހި 3 ވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ޙުސައިން އެވެ.

ފުރަތަމަ ހާފު 3 ލަނޑުގެ ލީޑެއްގައި ރާއްޖެ ނިންމާލި އިރު، ގިނަ ބަޔަކު ހީކުރީ ފަހު ހާފުގައި ވެސް ރާއްޖެއިން ލަންކާކޮޅަށް އިތުރުގިނަ ލަނޑުތަކެއް ޖަހާނެ ކަމަށެވެ. އެކަމަށް ބާރު ލިބުނީ 57 ވަނަ މިނެޓުގައި ޢަލީ އަޝްފާގު ރާއްޖޭގެ 4 ވަނަ ލަނޑު ޖަހައިދިނުމުން ނެވެ.

އެހެންކަމުން ރާއްޖެކޮޅަށް މެޗު ބުރަވީކަމަށް ޔަގީންކޮށްގެން ތިއްބާ ހައިރާންކަން ގެނުވީ ލަންކާއިން ކުޅުން ރަނގަޅުކޮށް 64 ވަނަ މިނެޓުގައި އަހުމަދު ވަސީމް ރަޒީކް ލަންކާއަށް ޖަހައިދިން ގޯލުން ނެވެ. އަދި ފުރަތަމަ ލަނޑު ޖެހިތާ 3 މިނެޓު ފަހުން ވަސީމް ވަނީ ދެވަނަ ލަނޑެއް ޖަހާ ލަންކާއަށް އުއްމީދު އާކޮށްދީފަ އެވެ.

މި މެޗުގައި ރާއްޖޭގެ ޑިފެންސް ލައިނަށް ލަންކާއިން ނުރައްކާ ކުރަމުން ގޮސް ލަންކާގެ 72 ވަނަ މިނެޓުގައި ވަސީމް ވަނީ އޭނާގެ 3 ވަނަ ލަނޑު އަދި ލަންކާގެ ވެސް 3 ވަނަ ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ. އަދި މިވަރުން ވެސް އޭނާ ފުއްދާލީއެއް ނޫނެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނިޓުގެ ތެރޭގައި ވަސީމް ވަނީ އިތުރު ލަނޑެއްޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވެސް ވަސީމް ރަޒިކް އެވެ.

ރާއްޖެ އާއި ލަންކާގެ އިތުރުން މި މުބާރާތުގައި ވާދަކުރަނީ ސީޝެލްސް އާއި ބަންގްލަދޭޝް އެވެ.

މުބާރާތް ފެށުމަށް އެންމެ ފުރަތަމަ ތާވަލުކުރީ އިއްޔެނަމަވެސް މިއަދަށް ފަސްކުރީ އެގައުމަށް މިހާރުކުރަމުންދާ ވިއްސާރައިގެ ސަބަބުން ނެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.