ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއްގައި، ގަވާއިދާ ޚިލާފަށް ބިޑިއަޅުވައި، ޓޯޗަރގެ ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ހެކި ލިބުނު 13 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަކީ ދައުލަތުން ޚާއްޞަ ޙިމާޔަތެއް ދޭންޖެހޭ ބައެއް ކަމަށެވެ.

މިމައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ޤާނޫނާ ޚިލާފް ކަންތައްތަކެއް ކުރުމުންނެވެ. ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައްވެސް ތަހުގީގުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ 13 ފުލުހެއްގެ މައްޗަށެވެ. މި 13 ފުލުހުންގެ މައްޗަށް އުފުލާފައި ވަނީ ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.