މިސްރުގެ ސްކޫލުތަކުގައި ކިޔަވައިދޭ ދެވަނަ ބިދޭސި ބަހަކަށް ޗައިނާ ބަސް ހަމަޖައްސައިފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ގާހިރާގައި ސޮއިކޮށްފައި ވަނީ މިސްރުގެ އެޑިއުކޭޝަން މިނިސްޓަރާއި ޗައިނާ ސަފީރެވެ.

މިއާއެކު މިސްރުގެ ސްކޫލުތަކުގައި ކިޔަވައިދޭ އިޚްތިޔާރީ ދެވަނަ ބޭރުބަހަކަށް ޗައިނާ ބަސްވެގެން ދިޔައީއެވެ.

މިސްރަކީ ކޮމިއުނިސްޓް ޗައިނާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރި އެންމެ ފުރަތަމަ އަރަބި ގައުމެވެ.

ޝިންހުއާ ނޫހުން ބުނިގޮތގައި މި އެއްބަސްވުމާއެކު މިސްރުގެ ސްކޫލުތަކުގައި ސޯލާ ހަކަތަ ހަރުކޮށްދިނުމަށާއި ސްކޫލުތަކުގައި އެޑިއުކޭޝަން ޓެކްނޮލޮޖީ ބޭނުންކުރުމަށް އެހީތެރިވުމަށް ޗައިނާ އިން މސައްކަތް ކޮށްދޭނެއެވެ.

މިސްރުގައި ޗައިނާ ބަސްކިޔަވައިދޭ ކުންފޫޝިއަސް އިންސްޓިއުޓްގެ ދެތަން ހުރެއެވެ. އެއީ ކެއިރޯ ޔުނިވަރސިޓީއާއި ސުއޭސްކެނަލް ޔުނިވަރސޓީގައެވެ.

މިނޫނަސް އިތުރު 16 ޔުނިވަރސިޓީއެއްގައި ޗައިނާ ބަސް ކިޔަވައި ދިނުމާއި ޗައިނާގެ ބަހާއި ޗައިނާ ދިރާސާތަކާ ބެހޭ ޑިޕާޓްމަންޓް ހަދާފައި ވެއެވެ.

މިއަހަރުގެ ފުރަތަމަހަތް މަހުގެ ތެރޭގައި ދެގައުމުގެ ދެމެދުގެ ވިޔަފާރި 5 ބިލިއަން ޑޮލަރަށް ވުރެން އިތުރު ވެފައި ވެއެވެ.

މިސްރުން ވަނީ މެޑިޓެރޭނިއަން ކަނޑާއި ރެޑް ސީ ގުޅުވާލާ ރެއިލްވޭއެއްގެ މަސައްކަތްވެސް 9 ބިލިއަން އެމެރިކާ ޑޮލަރަށް ޗައިނާގެ ކުންފުންޏަކަށް ދީފައެވެ. މިއިން ތިން ގަޑިއިރު ތެރޭ އަލް އަލަމައިން ސްޓޭޝަނުން ގާހިރާ ތެރއިން ލައިގެން އައިނުއްސުޚްނާއާ ރޭލުން ގުޅުވާލެވޭނެއެވެ. މިރޭލް ދަތުރުކުރާނީ ގަޑިއަކު 250 ކިލޯމީޓަރުގެ ބާރުމނުގައެވެ. މީގެ ސަބަބުން ސުއޭސް ކެނަލްގެ ޕޯޓާއި އިސްކަންދަރިއްޔާގެ ޕޯޓްވެސް ފަސޭހައިން ގުޅާލެވޭނެއެވެ.