އެމެރިކާގެ މުހިންމު ސްޓޭޓެއް ކަމަށްވާ މިޗިގަންގައި ވޯޓު ގުނުން ހުއްޓުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިންގެ ފަރާތުން މައްސަލަ ކޯޓަށް ވައްދައިފިއެވެ.

ޓްރަމްޕް ކެމްޕެއިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިޗިގަންގައި ވޯޓު ގުނާ ތަނަށް ވަދެއުޅެން އެމީހުންނަށް އެކަށީގެންވާ ފުރުސަތެއް ލިބެންދެން ވޯޓު ގުނުން ހުއްޓުވައި ދިނުމަށް "މިޗިގަން ކޯޓު އޮފް ކްލައިމްސް" އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެމީހުންނަށް ފުރުސަތު ދިނުމުގެ ކުރިން މިހާތަނަށް ހުޅުވާފައިވާ ވޯޓުފޮށި ތަކާއި، ގުނާފައިވާ ވޯޓުތައް އަލުން ބެލުމަށް ފުސަތު ދިނުމަށްވެސް ކޯޓަށް ހުށަހަޅާފައި ވާނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ވަކި ޕާޓީއަކަށް ތާއީދު ނުކުރާ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ މިޗިގަންގެ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ އަދަދަކީ 16 އެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކުން މިޗިގަން ސްޓޭޓް ކާމިޔާބު ކުރެއްވީ ކޮން ބޭފުޅެއްކަން ނަތީޖާއިން އަދި ސާފެއް ނުވެއެވެ.

އެހެންނަމަވެސް، ވަރަށް ހަނި ފުރުސަތަކުން ޕޮޕިއުލަރ ވޯޓުން ކުރީގައި އުޅުއްވަނީ ޖޯ ބައިޑެންއެވެ.

މިޗިގަންއަކީ ރައީސް ޓްރަމްޕާއި، ޖޯ ބައިޑެންވެސް ވަރަށް ވާދަވެރިކަމާއެކު ކެމްޕެއިން ކުރެއްވި ސްޓޭޓެކެވެ.

މިޗިގަންގެ އިތުރުން، ވިސްކޮންސިންގެ ވޯޓުވެސް އަލުން ގުނަން އެދޭނޭ ކަމަށް ޓްރަމްޕްގެ ކެމްޕެއިނުން ބުނެފައި ވެއެވެ. އެ ސްޓޭޓުންވެސް ބައިޑެން ކުރި ހޯއްދަވާފައިވަނީ ވަރަށް ކުޑަ ތަފާތަކުންނެވެ.