މިފަހަރު ލިޔަން ދީފައިވަނީ ބަހުސްކުރާ މަޒުމޫނެކެވެ. " ރާއްޖެއަށް ރަނގަޅީ ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ " މި މައުޟޫ އަށެވެ. އިންޓަރނެޓްގައި ހުރި އެއްޗިހި ގިނަކަމުން ލިޔާނެ ނުލިޔާނެ އެއްޗެއް ނޭނގެއެވެ. މުދައްރިސް ބުނުއްވީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެވެ. އޭރުން ވެރިކަންކުރަން ފަސޭހަ ވާނެއެވެ. އަވައްޓެރި ހުރިހާ ޤައުމެއްގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެވެ.

ގްރޭޑް 12 ގައި ކިޔަވަމުންދާ ކޮއްކޮގެ މި ހާސަރުތަކުން އޭނާއަށް އެހީވުމަށް ނިންމީމެވެ. އަހަރެންގެ ޝައުގުވެރިކަންވެސް މިކަމަށް ހުރުމުންނެވެ. މިހާރު ރާއްޖޭގެ މަސްރަހުގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަށް ވުމުންވެސް މެއެވެ. އަދި އަހަރެންނަށްވެސް މި ނިޒާމުތައް ރަނގަޅަށް ނޭނގޭތީއެވެ. ކޮންޕިއުޓަރ ކައިރީ އިށީދެ ހޯދަންފެށީމެވެ. ކޮއްކޮގެ މުދައްރިސް ބުނުއްވީ ތެދެކެވެ. އަވަށްޓެރި ހުރިހާ ޤައުމަކީވެސް ޖުމްހޫރިއްޔަތުތަކެކެވެ. ނަމަވެސް ދިވެހިން ފިޔަވައި އެހެން ހުރިހާ ޤައުމުތަކެއްވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާއިރު ދިވެހިރާއްޖެ ރިޔާސީ ނިޒާމުގެ ވެރިކަން އޮންނަނީ ކީއްވެތޯ ސުވާލު އުފެދުނެވެ. މި ސުވާލަށް ޖަވާބެއް ހޯދުމަށް ބަރުލަމާނީ ނިޒާމަކީ އަދި ރިޔާސީ ނިޒާމަކީ ކޮބައިކަން ހޯދާލީމެވެ.

ބަރުލަމާނީ ނިޒާމު

ބަރުލަމާނީ ނިޒާމެއްގައި ވެރިކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ސިޔާސީ ޕާޓީއަކުންނެވެ. މިގޮތުން ބަރުލަމާނީ ނިޒާމުގައި ބައެއް ޤައުމުތަކުގައި މަޖިލިސް ދެ ގޮތަކަށް ހިނގައެވެ. އެއީ މަޖިލީހުގެ މަތިގެއަކާއި ދަށުގެއެވެ. ނުވަތަ މުޅި މަޖިލިސް އެއްގެއެއްގެ ގޮތުގައެވެ. މަޖިލިސް އެކުލެވިގެންވާނީ އިންތިޚާބީ ދާއިރާތައް ތަމްސީލު ކުރާ މެންބަރުންގެ މައްޗަށެވެ. އެހެންކަމުން ދައުލަތުގެ ވެރިޔާ އާއި ޤާނޫނުތަކަށް ވޯޓުދޭނީ މަޖިލީހުގެ މެމްބަރުންނެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ އިސްވެރިއަކަށް ހުންނާނީ ބޮޑުވަޒީރެވެ. ބޮޑުވަޒީރަކީ މަޖިލީހުގެ ތެރެއިން މަޖިލީހުން ވޯޓުދީގެން ހޮވާ މަޖިލީހުގެ މެމްބަރެކެވެ. މިހެންކަމުން ޤާނޫނު ހަދާ ބާރާއި ވެރިކަމުގެ ބާރު (އެގްޒެކެޓިވް) އާންމު ގޮތެއްގައި މަސްހުނިވެއެވެ. ސަބަބަކީ ވެރިކަމުގެ ބާރު (ސަރުކާރު ހިންގުން) އަދި ޤާނޫނު ހެދުމުގެ ބާރު އެއްބައެއްގެ އަތްމަތީ އޮތުމުން ޖަވާބުދާރީ ކުރުވުން ނެތިދެއެވެ.

ސިޔާސީ ޕާޓީތަކާއި، އިންތިޚާބާއި ވޯޓުލުން

ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންނަށް އެބައި މީހުންގެ ވެރިމީހާ، ބޮޑުވަޒީރު ހޮވުމުގެ ނުވަތަ އައްޔަނު ކުރުމުގެ އިޚްތިޔާރު ލިބިގެނެއް ނުވެއެވެ. ބޮޑުވަޒީރު ހޮވުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތު މީހާއަށް ވޯޓުލެވެނީ މަޖިލީހުގައި އެމީހުން ތަމްސީލު ކުރާނެ މެމްބަރެއް ހޮވުމަށެވެ. މިގޮތުން މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީއަކުން އެ މީހުން ހިތާވާ މީހަކު ބޮޑުވަޒީރުކަމަށް އައްޔަނު ކުރެއެވެ. އަދި ބޮޑުވަޒީރު އެންމެ ހިތާވާ މެންބަރުން ކެބިނެޓަށް އައްޔަނު ކުރެއެވެ. މަޖީހީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ހާލަތެއްގައި އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުވެގެން ކޯލިޝަން ސަރުކާރެއް އުފައްދައެވެ.

ބަރުލަމާނީ ނިޒާމުގައި އިލެކްޓޯރަލް ނިޒާމުވެސް ބޭނުންކުރެއެވެ. އިލެކްޓޯރަލް ނިޒާމުގައި ކަންކުރާ ގޮތަކީ ވަކި ފަރުދުންނަށް ވޯޓުލުމުގެ ބަދަލުގައި ޕާޓީތަކަށް ވޯޓުދިނުމެވެ. މިގޮތުން އިންތިޚާބުގައި ބައިވެރިވާ ހުރިހާ ޕާޓީތަކަށްވެސް މަޖިލީހުން އެމީހުނަށް ވޯޓު ލިބުނު ނިސްބަތުން ގޮނޑި ކަނޑައެޅެއެވެ. އިލެކްޓޯރަލް ނިޒާމު ގެންގުޅޭ އެއް ޤައުމަކީ ޑެންމާކެވެ. އިލެކްޓޯރަލް ނިޒާމުން ކަށަވަރުކޮށްދޭ އެއްކަމަކީ އިންތިޚާބުގައި ބައިވެރިވާ ހުރިހާ ސިޔާސީ ޕާޓީތަކެއްވެސް އެމީހުނަށް ވޯޓު ލިބުނު ނިސްބަތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރެވޭނެކަމެވެ. މިގޮތުން ސިޔާސީ ހުރިހާ ފަރާތެއްގެ ބައިވެރިވުން ކަށަވަރުކޮށްދެއެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރާ ގިނަ ޤައުމުތަކުގައި ވޯޓުލަނީ ޕާޓީތަކަށް ލުމުގެ ބަދަލުގައި ޕާޓީތައް ތަމްސީލުކުރާ ވަކިވަކި ފަރުދުންނަށެވެ. އަދި މަޖިލީހަށް މެމްބަރުން ހޮވެނީ އާންމުންނަށް އެންމެ މަގުބޫލު މީހާއަށް ދެވޭ ވޯޓުންނެވެ.

ބަރުލަމާނީ ނިޒާމުގެ ފައިދާ

ބަރުލަމާނީ ނިޒާމެއްގެ އެންމެ މައިގަނޑު އެއްފައިދާއަކީ ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ޤައުމު ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެފައި އޮތުމެވެ. މި ކަމުގެ ސަބަބުން ޕާޓީތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަން ކުޑަވެ ސިޔާސީ ހަމަޖެހުން ގާތެވެ.

ރިޔާސީ ނިޒާމު

ރިޔާސީ ނިޒާމަކީ 3 ބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމެކެވެ. ވެރިކަމުގެ ބާރު (އެގްޒެކެޓިވް) ޤާނޫނު ހެދުމުގެ ބާރު އަދި އަދުލުއިންސާފުގެ ބާރެވެ. މި ނިޒާމުގައި އެއްވެސް ބާރަކުން އަނެއް ބާރު އުވައެއްނުލެވޭނެ އެވެ. ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމުގައި ޤައުމު ހިންގުމުގެ 2 ބާރު ހޮވުމުގައި ބަސްބުނުމުގެ އިޚްތިޔާރު ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންވެސް ހޮވާނީ ސީދާ ރައްޔިތުމީހަގެ ވޯޓުންނެވެ. ރިޔާސީ ނިޒާމުގައި ކެބިނެޓްގައި އެކުލެވޭނީ ރައީސް މީހާއަށް ޤަބޫލުކުރެވޭ ތަޖުރިބާހުރި އަދި އެ ވުޒާރާއެއް ހިންގުމުގެ ޤާބިލްކަން ހުރި ފަރާތެކެވެ. ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުންނަށް ވަޒީރުކަމެއް ނުކުރެވޭނެއެވެ. ރިޔާސީ ނިޒާމެއްގައި ޖަވާބުދާރީވުން އިތުރެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓްގެ މިނިސްޓަރުންނަކީވެސް މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ ބައެކެވެ. އަދި ވެރިކަމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ވަކިވެފައި އޮތުމުން ޖަވާބުދާރީ ކުރުވުން ފަސޭހަވެ އިތުރުވެއެވެ.

ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމު

ބަރުލަމާނީ ނިޒާމެއްގައި ވެރިކަމުގެ ބާރު ހަވާލުކުރެވެނީ މަޖިލިސް މެންބަރަކަށް ވުމުގެ އިތުރުން މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބޭ ޕާޓީއެއްގެ ރުހުން އޮންނަ ފަރާތަކަށެވެ. މިހެންކަމުން ބޮޑުވަޒީރަކީ ޕާޓީ ސިޔާސަތުތަކުގެ ތެރޭގައި ފިތޭ މީހަކަށްވުން ވަރަށް ގާތެވެ. މިއާ ޚިލާފަށް ރިޔާސީ ނިޒާމުގައި ވެރިކަން ހަވާލިކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުން އެންމެ ގިނަ ރައްޔިތުން އެދޭ މީހަކަށެވެ. މިހެންކަމުން ޕާޓީ ސިޔާސަތުތަކުގައި ފިތުމުގެ ފުރުޞަތު ކުޑަވެއެވެ.

ބަރުލަމާނީ ނިޒާމުގައި ދައުލަތް ހިންގުމުގެ ކަންކަމުގައި ގޮތް ނިންމުމަށް މަޖިލީހަށް ދާންޖެހެއެވެ. އަދި ޕާޓީ ސިޔާސަތުތައް ވިސްނުމުގައި އަބަދުވެސް ބަހައްޓަންޖެހެއެވެ. މިހެންކަމުން ކަންކަން ނިންމުމުގައި ލަސްވެއެވެ. ނަމަވެސް ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ބާރާއި އިޚްތިޔާރު ލިބިގެންވެއެވެ.

ބަރުލަމާނީ ނިޒާމުގައި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވާނީ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންގެ ތެރެއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮންމެ ދުވަހަކު މަޖިލީހުގެ ޖަލްސާތަކަށް ޙާޒިރުވާން ޖެހޭ ބައެކެވެ. ސަރުކާރު ހިންގުމާއި ޤާނޫނު ހެދުމުގެ ޒިންމާ އެއްބަޔަކާއި ހަވާލުވެފައިވުމުން ކަންކަންނިމުމުގައި ލަސްވުން އިތުރުވެއެވެ.

ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވަޒީރަކަށް ހޮވައިފިނަމަ ވަޒީރުކަމުގެ މުސާރައާއި މެންބަރުކަމުގެ މުސާރަވެސް ދޭންޖެހެއެވެ. މިއީ މުޖްތަމައަށް ނުރަނގަޅު އަސަރު ކުރުވާނެކަމެކެވެ. ވަޒީރުކަން ކުރާ މެންބަރުން މަޖިލީހުގެ ދައުރު ނިމޭއިރު މުއްސަދިކަން އިންތިހާއަށް މަތިވާނެއެވެ.

ރިޔާސީ ނިޒާމެއްގައި ވެރިކަން ބަދަލު ކުރުމަކީ އެހާ ފަސޭހަކަމެއް ނޫނުވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި އިންތިޚާބަކާ ނުލައިވެސް ވެރިކަން ބަދަލުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ވެރިކަން ކުރާ ޕާޓީގެ ހިތްހަމަނުޖެހުން ބޮޑުވަޒީރާ ދެމެދު އުފެދިއްޖެނަމަ ބޮޑުވަޒީރު ބަދަލު ކުރެވެއެވެ. މިހެންވުމުން ޤައުމުގައި ހިންގާ މަޝްރޫޢުތަކާއި އެހެނިހެން ކަންކަމަށް ބޮޑެތި ބަދަލު އައުން އެކަށީގެންވެއެވެ. ކުރީގެ ބޮޑުވަޒީރު ހިންގި މަޝްރޫޢު ހުއްޓާލާ އަދި ޤައުމުގެ މާލިއްޔަތުން ކުރި ޚަރަދު ބޭކާރުވެއެވެ.

ބަރުލަމާނީ ނިޒާމުގައި އަވަސް އަވަހަށް އިންތިޚާބު ބޭއްވުމުގެ ފުރުޞަތު އޮވެއެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރު ވައްޓާލުމާއި އިންތިޚާބު ބޭއްވުމަކީ ހަމަ އެންމެ މެމްބަރެއްގެ ނިންމުމުންވެސް ހުޅުވޭ ފުރުޞަތެކެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ އިންތިޚާބު ބާއްވާނީ ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށެވެ.

ބަރުލަމާނީ ނިޒާމުގައި ހުރިހާ ސިޔާސީ ފަރާތްތައް ތަމްސީލުކޮށްދޭއިރު ވަށައިގެންވާ ޤައުމުތަކަށް ނަޒަރު ހިންގާލުން ރަގަޅުކަމަށް ދެކެމެވެ. އަވައްޓެރި ޤައުމުތަކަކީ މި ކުޑަކުޑަ ދިވެހިރާއްޖެއާ އެތަށް ގޮތަކުން ތަފާތު ޤައުމުތަކެކެވެ. މި ޤައުމުތަކަކީ ދީނީ، ނަސްލީ އަދި ސަޤާފީ ގޮތުން އެތައް ގިނަ ޖަމާއަތްތަކެއް ދިރި އުޅެމުންދާ ޤައުމުތަކެކެވެ. މި ދިވެހިރާއްޖެއަކީ އެއް ދީނަކަށް ނިސްބާތްވާ އެއް ނަސްލެއްގެ އެއް ސަގާފަތެއް އޮތް ބައެކެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ހަމައެކަނި ތަފާތަކީ ސިޔާސީ ފިކުރުތަކެކެވެ.

ލިބުނު މައުލޫމާތަށް ބަލާއިރު ބަރުލަމާނީ ނިޒާމަކީ ޤައުމުގެ އިޤްތިޞާދަށް ވަރަށް ބުރަ ނިޒާމެކެވެ. އަހަރު ދެކޮޅު އިންތިޚާބު ބާއްވަން ޖެހުމަކީ މިހާރުވެސް ދަރަމުންމިދާ ދަރަނިތައް އިތުރުވުމަށް ދެވޭ އިތުރު ފުރުޞަތަކަށް ވާނެއެވެ. އަދި ހަމަ އެފަދައިން ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް ޤައުމު ހިންގަން އެންމެ ފައްކާކުރެވިފައި އަދި ދުނިޔޭގެ ޤައުމުތަކުގައި އެންމެ ރަނގަޅަށް ހިނގަނީވެސް ރިޔާސީ ނިޒާމުގެތެރެއިންނެވެ. މިގޮތުން އެމެރިކާފަދާ ޤައުމުތަކުގައި ވެސް ވެރިކަން ހިންގަނީ ހަމަ ރިޔާސީ ނިޒާމަށެވެ. އަނެއްކޮޅުން، އިޓަލީވިލާތަކީ ބަރުލަމާނީ ނިޒާމަށް ހިންގާ ގައުމެކެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވެއަތުވެދިޔަ 76 އަހަރުތެރޭގައި އިޓަލީވިލާތުގައި 66 ސަރުކާރު އިންތިހާބު ކުރެވިފައިވެއެވެ. އެއީ އެވަރެޖުކޮށް ކޮންމެ 13 މަސް ދުވަހުން ސަރުކާރެކެވެ.

މިހާރަކަށް އައިސް ސުކޫލުތަކުގައި ދަރިވަރުންނަށް މި ދެ ނިޒާމަށް މަޒުމޫނު ލިޔުއްވުމާއި ރިޕޯޓު ހެއްދުމާއި ބަހުސް ކުރާނޭ ޕޮއިންޓްތައްވެސް އެއްކުރުވަމުން ގެންދެއެވެ. މިހާރު ސުކޫލުތަކުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަކީ ކުރިއަށް އޮތް 2023 ގައި އުމުރުން 18 އަހަރު ފުރި ވޯޓު ލުމުގެ ހައްޤު ލިބިގެންދާނޭ ޒުވާނުންނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަދި ކޮފީ މޭޒުތަކުގައިވެސް މިހާރު އެންމެ ގިނައިން ދެކެވޭ އެއްވާހަކައަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރާ ވާހަކައެވެ. ދަންނަވާލާ ހިތް އޮތީ މުހިންމީ ވެރިކަމުގެ ނިޒާމެއްނޫނެވެ. ވެރިކަން ކުރާގޮތެވެ. ވެރިކަން ކުރާމީހުންގެ އިޚްލާޞްތެރިކަމެވެ.