ސަރުކާރުން ކަންކަން ލާމަރުކަޒުކޮށް ކުރިޔަށްގެންދިއުމަށް މަގުފަހިކުރުމަށް ހާއްސަ އިސްކަމެއް ދެއްވައި އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލަވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ކައުންސިލަރުން ވަނީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަހަށް ފެށެން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނެގޮތްވުން މުހިންމުކަމަށް ކައުންސިލުން ފާހަގަކުުރެއްވިއެވެ
ހަމައެއާއިއެކު ހޯރަފުށީ ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަނުގެ ހިދުމަތް ދިނުމުގައި ދަތިވާ މައްސަލަތަކާއި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލަތައް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ހއ. އަތޮޅު ސްކޫލުގެ ފަރާތުން ވެސް ވަނީ ސްކޫލަށް އުމްރާނީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ބޭނުންވާ މުހިންމުކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ފައިސަލް ވަނީ މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލައި ހިދުމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުންކަމުގައި ފައިސަލް ނަސީމް ވިދާޅުވިއެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ކައުންސިލުން ހުށަހެޅުއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކޮށްގެން މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.