ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވައިކަރަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ވައިކަރަދޫ ސްކޫލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމުކަންކަމާއި ކައުންސިލާއި ރައްޔިތުން އެންމެބޮޑަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި އިންޖީނުގޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށް ގެންދަން ބޭނުންވާކަމާއި ރަށުގެ ރައްޔިތުންނަށް މޫދަށް އެރިއުޅޭ ސަރަޙައްދެއް ހެދުމާއި ރަށުން ގޯތިދޫކުރުމަށް މިހާރުހުރި ގޮންޖެހުންތަކާއި ސްކޫލްގެ 12 ކްލާސްރޫމްގެ މަސައްކަތް އަވަހަށް ނިންމައި ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަކަށް ބަދަލުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ސްކޫލްކުދިންނަށް ކުޅިވަރުކުޅެހެދުމަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން ސްކޫލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވައިކަރަދޫ ޞިއްޙީ މަރުކަޒުގެ ފަރާތުން ވަނީ އެތަނަށް އިތުރަށް އިންސާނީ ވަޞީލަތްތައް ބޭނުންވާކަމާއި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެންމެ މުހިންމުކަން ދޭ އެއްކަމަކީ ތަޢުލީމީ ނިޒާމު ހަރުދަނާކުރުންކަމަށާއި އެގޮތުން ކޮންމެ ކުއްޖަކީވެސް މުޖްތަމަޢަށް ރަނގަޅު ބޭނުންހިފޭ ކުއްޖަކަށް ހެދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ރައްޔިތުންގެ ލާބައާ މަންފާއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުވުމުން މި ސަރަޙައްދުގެ ރައްޔިތުންނަށް މާލެ ދާންނުޖެހި ޓާޝަރީ ފެންވަރުގެ ޚިދުމަތްތައް ލިބުމަށް މަގުފަހިވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުވައިދެއްވާ، ވައިކަރަދޫ ސްކޫލުގައި އިމާރާތްކުރަމުންދާ 12 ކްލާސްރޫމްގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ވައިކަރަދޫ ޞިއްޙީމަރުކަޒާށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލެއްވުމުގެ އިތުރުން ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.