މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މަސައްކަތް ކުރާނީ ގައުމަށް މަންފާ ކުރާ ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްއާރްއެމްގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްއާރްއެމް އުފެދިގެން އައީ އިސްލާހީ ހަރަކާތެއްގެ ތެރެއިން ކަމަށާއި ޕާޓީގެ އެންމެ މުހިއްމު އަސާސަކީ ރާއްޖެ އަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަގީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާ އެކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް ދިވެހިންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ.

އެމްއާރްއެމުން ބުނީ ގައުމީ މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށެވެ. އެގޮތުން ދައުލަތުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގައި ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަކީ އެމްއާރްއެމްގެ އަސާސްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި އަންހެނުންނާއި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ވެސް އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.