ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ނައިބު ރައީސް، ބަންގްލަދޭޝްގެ އިސް ވެރިންނާ ބައްދަލުކުރައްވައި މުހިއްމު މުއައްސަސާތަކަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް، ބަންގްލަދޭޝްގެ ރައީސް އެމްޑީ އަބްދުލް ހާމިދާ ބައްދަލުކުރައްވާނެއެވެ. އަދި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން އާއިއެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވާސީސް އެންޕްލޯއިމެންޓް މިނިސްޓަރު އިމްރާން އަހުމަދު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޑިޕޫ މޯނީއާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް އެނބުރި ރާއްޖެ ވަޑައިގެންނަވާނީ އަންނަ ބުދަ ދުވަހުއެވެ.

ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެ ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި ރައީސް އޮފީހުގެ ބައެއް އިސް ވެރިންނާއި ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ހިމެނެއެވެ.