އަހަރީ ފީ ނުދައްކައިގެން 3000 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކުންފުނި އުވައިލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދެވަނަ މާއްދާގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ 3967 ކުންފުނި އުވާލަން ނިންމާފައިވާ ކަމަށެވެ.

ލިސްޓުގައި ހިމެނޭ ކުންފުނިތައް ހިންގަން ބޭނުންނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައި އަންނަ މަހުގެ 22 ގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ލިސްޓުގައިވާ އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ ނުވަތަ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއްވެސް ފަރާތަކުން ހުށަހަޅާ ދައުވާއެއް އޮތްނަމަ، އެކަމާގުޅޭ ތަފުސީލުތައް 31 ޖެނުއަރީގެ ކުރިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މިނިސްޓްރީން ވަނީ މި މުއްދަތުގެ ތެރޭގައި ތަފުސީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދައުވާއެއް ނެތް ކަމަށް ބަލާނެ ކަމަށް ބުނެފަ އެވެ.