އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވައިފިއެވެ.

ޚާމަނީ ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބާއި، ރިޔާސީ އިންތިޚާބަށްފަހު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އެމެރިކާގައި އޮންނަ ކަމަށް ބުނާ ޑިމޮކްރަސީގެ އަސްލު ހަގީގަތް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަންގާރަ ދުވަހު ވޯޓު ލާފައިވާއިރު، ބުދަ އަދި ބުރާސްފަތި ދުވަސްނިމި، ހުކުރު ދުވަހަށް ލައިއިގަތް އިރުވެސް އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅަކު ކަނޑައެއް ނޭޅެއެވެ. އަދިވެސް ވޯޓު ގުނުމުގެ ކަންތައް ދަނީ ކުރިއަށެވެ.

ވޯޓުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއެކު، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއި އެމެރިކާގެ ސިޔާސީ އެހެން ލީޑަރުންގެ ތެރޭގައި ވަރަށްބޮޑު ހަލަބޮނލިކަމެއް ފެށިގެންދިޔައެވެ.

އަނެއްކޮޅުން، ރައްޔިތުންލީ ވޯޓުގެ ހަގީގަތް ގަބޫލުކުރަން ޓްރަމްޕް ދެކޮޅުހައްދަވާ މައްސަލާގައި އިދިކޮޅު ޖޯ ބައިޑެންގެ ކެމްޕެއިން ޓީމުންވަނީ ޓްރަމްޕް ކުށްވެރިކޮށްފައެވެ. ޕޯސްޓު މެދުވެރިކޮށް ލާފައިވާ އެތައް މިލިއަން ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް އުޅުއްވުމަކީ، ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ނިގުޅައިގަތުން ކަމަށްވެސް ބުނެފައި ވެއެވެ.

މިކަންކަމަށް އިޝާރާތް ކުރައްވައި، އީރާނުގެ ރޫހީ ލީޑަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ "މަޖާގަނޑެއް" ކަމަށެވެ.

"އެކަކު ބުނަނީ މިއީ، އެމެރިކާގެ ތާރީޚްގައިވެސް ބޭއްވި އެންމެ އޮޅުވާލުންބޮޑު އިންތިޚާބު ކަމަށް. އެހެން ބުނަނީ ކާކު؟، އެހެން ބުނަނީ އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބޭފުޅާ. އޭނާގެ ވާދަވެރިޔާ ބުނަނީ، ޓްރަމްޕް އުޅެނީ އިންތިޚާބުގެ ނަތީޖާ ވަގަށް ނަގަންކަމަށް. މިއީ، އެމެރިކާގެ އިންތިޚާބާއި އެމެރިކާގެ ޑިމޮކްރަސީގެ ހަގީގަތަކީ" އާޔަތުﷲ އަލީ ޚާމަނާއީ

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިފަހުން އެމެރިކާއާއި ދުނިޔޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދިޔައެވެ. ހުޅަނގުގެ ގައުމުތަކުގައި ކަންބޮޑުވުންތައް އުފެދިގެންދިޔައެވެ. ޓްރަމްޕްގެ ބައެއް ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ ދުނިޔޭގައި އެކަހެރިވެގެންދިޔައެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އެންމެބޮޑަށް ޖައްސާލީ އީރާނާއެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އެމެރިކާވެސް ހިމެނޭގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު 2015 ވަނަ އަހަރު ސޮއިކުރި މުއާހަދާއިން އެމެރިކާ ވަކިވެ، ޓްރަމްޕްވަނީ އިހުނަށް ވުރެންވެސް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އީރާނަށް އަޅާފައެވެ.

މިއަހަރުގެ ތެރޭގައި އީރާނާއި އެމެރިކާއިން ހަނގުރާމައެއް ފަށާފާނެހެންވެސް ހީވާވަރަށް ކަންކަން ގޯސްވެގެންދިޔައެވެ.

ރިޔާސީ އިންތިޚާބާ ދިމާކޮށް އެމެރިކާއިން ތުހުމަތު ކުރަމުންދިޔައީ، ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވަން އީރާނުން ސޯޝަލް މިޑީއާ މެދުވެރިކޮށް ހަރަކާތްތަކެއް ހިންގަމުން ގެންދާ ކަމަށެވެ.

ނަމަވެސް، އީރާނުގެ ވެރިކަމުގެ ފަރާތުން ފާޅުގައި ބުނަމުންދިޔައީ، އީރާނުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާ ކަމަށެވެ.

އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ޖޯ ބައިޑެންވަނީ، އީރާނު މުއާހަދާއާ އެމެރިކާ އަލުން ގުޅޭނޭކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އެ މުއާހަދާގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ސޮއިކުރިއިރު، ނައިބް ރައީސަކީ ޖޯ ބައިޑެންއެވެ.

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިޚާބުން ކޮންމެ ނަތީޖާއެއް ނުކުތަސް، އީރާނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.