ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ހިންގާ އަސްކަރީ ތަމްރީނު "އެކްސަސައިޒް އެކުވެރިން 2021" ފަށައިފިއެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންގެންދާ މި އެކްސަސައިޒް، އިންޑިއާ އަދި ދިވެހިރާއްޖޭގައި ބާއްވަމުން ދާއިރު، އެންމެ ފަހުން ބޭއްވި "އެކްސަސައިޒް އެކުވެރިން 2019" އިގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ޕޫނޭގައެވެ. ކޮވިޑް-19 ގެ ސަބަބުން "އެކްސަސައިޒް އެކުވެރިން 2020" ވަނީ ބޭއްވޭގޮތް ނުވެފައެވެ.

"އެކްސަސައިޒް އެކުވެރިން" އަކީ ދިވެހިރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

"އެކްސަސައިޒް އެކުވެރިން 2021" ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު މަހުގެ 05 އިން 18 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައެވެ. މި އެކްސަސައިޒް ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި އެކްސަސައިޒްގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާނު ވަނީ، ދެ ޤައުމުން ގުޅިގެން ހިންގާ މި ތަމްރީނުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، މި ތަމްރީނުތަކުގެ ސަބަބުން ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވަމުންދާނެކަން ފާހަގަކުރެއްވިއެވެ.

މި ތަމްރީނުތަކުގައި މައިގަނޑުގޮތެއްގައި އުގަންނައިދެވޭނީ ރާއްޖޭގައި ވޯޓަރ ބޯން އޮޕަރޭޝަންތަކާއި އެއާ ގުޅުންހުރި އިތުރު އަސްކަރީ ތަމްރީނުތަކެވެ. މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ލ.ކައްދޫގެ އިތުރުން ލ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައި ވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން ބައިވެރިވަނީ 11 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 43 ސިފައިންނެވެ. ރާއްޖެއިން މި ތަމްރީނުގައި ބައިވެރިވަނީ އެމްއެންޑީއެފްގެ މެރިންސްއެވެ. މި އެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ގެ ކޮމާންޑަރ ކާނަލް އިބްރާހީމް ޙީލްމީގެ އިތުރުން އިންޑިއާގެ ޑިފެންސް އެޑްވައިޒަރާއި ދެ ޤައުމުގެ ކޮންޓިޖެންޓުންނާއި ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންވަނީ ބައިވެރިވެފައެވެ.