މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ނާތަހުޒީބު ނިންމުމެއް ކަމަށް އެޗްޑީސީން ބުނެފި އެވެ.

އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި، މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފައިވަނީ 12 ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.

އެޗްޑީސީއަށް ހައްދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ހިތުހުރިހާ ގޮތަކަށް ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށާއި ސިޓީ ކައުންސިލުގެ ނިންމެވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ބަލާއިރު ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އަދި ކައުންސިލުގެ މި ނިންމުމަކީ ގާނޫނާ ހިލާފު ނާތަހުޒީބީ ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެޗްޑީސީން ވަނީ މި ނިންމުމާ ގުޅިގެން އެ ކޯޕަރޭޝަނަށް އެއްވެސް ގެއްލުމެއް ލިބޭނަމަ ސިޓީ ކައުންސިލު ގޮވައިގެން ކޯޓަށް ދާން ފަސްނުޖެހޭނެ ކަމަށްވެސް ބުނެފަ އެވެ.

ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިމިވަނީ، ހުކުރު ދުވަހުގެރޭ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ޖަލްސާއެއް ބާއްވާނެކަން އަންގާފައިވަނިކޮށް، ހުއްދަ ނުހޯދާ ޖަލްސާ ނުބޭއްވޭނެކަމަށް އެޗްޑީސީން ބުނެފައިވަނިކޮށެވެ.