އެޕަލް އިން ސިންގަޕޯރގައި އައު އެޕަލް ސްޓޯރެއް ހުޅުވައިފިއެވެ. މިއީ އެޕަލްގެ އެންމެ ޝައުގުވެރި ސްޓޯރުކަމަށް އެކުންފުނިން ބުނެއެވެ.

މެރީނާ ބޭ ސޭންދްސް ކޮމްޕްލެކްސް ހުޅުވާފައިވާ މި ސްޓޯރަކީ މިއަދާހަމައަށް އެޕަލްއިން ހުޅުވި އެހެން ސްޓޯރުތަކާ ވަރަށް ތަފާތު ސްޓޯރެކެވެ. އެޕަލްއަކީ އައު ކަންކަން ކުރުމަށް މަޝްހުރު ކުންފުންޏެކެވެ.

މެރީނާ ބޭގައި ހުޅުވާފައިވާ އެޕަލް ސްޓީރަކީ މޫދުގައި ހަދާފައިވާ ބިއްލޫރި ގުއްބެއްގައި ހަދާފައިވާ ސްޓޯރެކެވެ.

މިތަން ބިނާކޮށް، ގުއްބު ބަހައްޓާފައިވަނީ، ކަޅު ބިއްލޫރިކަމަށް ދައްކައިދޭ ބިންގަލެއްގެ މަތީގައެވެ.

ވަށަ މިނުގައި 98 ފޫޓު ހުންނަ މި ސްޓޯރުގެ ބިއްލޫރި ގުއްބަކީ، 110 ހިމަ، ދަގަޑު ކަނިތަކެއްގައި 114 ބިއްލޫރި ގަނޑު ގުޅުވައިގެން ހަދާފައިވާ ގުއްބެކެވެ.

އަބަދުވެސް ގުއްބުގެ ތެރޭން ފިހާރައަށް އަލި ވަންނާނެ ގޮތަށް ހަދާފައި ހުރިއިރު، ދުވާލުގެ ހޫނު އިރުން ސަލާމަތް ކުރުމަށް، ވަށައިގެން ރިންގްތަކެއް (؟) ހަރުކޮށްފައި ވެއެވެ. މިއިން ތަނުގެ ތެރޭގައި އަޑުވެސް ކަނޑުވައި ދެއެވެ.