ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހީމް ޒާހިރު މިއަދު އަވަހާރަވެއްޖެ އެވެ.

ޔަންމާ ޒާހިރުގެ ނަމުން މަޝްހޫރު ޒާހިރު އަވަހާރަވީ ޢުމުރުން 66 އަހަރުގަ އެވެ. އަވަހާރަވީ އިންޑިއާގެ ކޮޗިންގައި ހުންނަ ރަޖާގިރި ހޮސްޕިޓަލުގައި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ނެވެ.

ސ. ރޭއަލިވާގޭ ޒާހިރު، ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގާތްގަޑަކަށް އަހަރެއް ވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޒާހިރު ވަނީ ވިލާ ކުންފުންޏަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ.

ޒާހިރު އަވަހާރަވިއިރު އޭނާގެ އަނބިނބަލުން އައިޝާ ވެސް ހުންނެވީ އިންޑިއާގަ އެވެ.

ޒާހިރުގެ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުން ލިބިފައިވެ އެވެ.