ބާޖެއް ކަފުޖަހައިގެން ބ.ލަނޑާގިރާވަރުން މާލެއަށް ޑިސެންބަރު 13 ވަނަ ދުވަހުގެ ރޭ ދަތުރުކުރަމުން ދިޔަ "ނީލް" ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އޮޔާދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.

ބ. ތުޅާދޫގެ ހުޅަނގު ދެކުނުން 9 ނޯޓިކަލް މެއިލް ބޭރުން ދަތުރުކުރަމުން ދިޔަ މި ޓަގުގެ ބުރަފަތީގައި ވަލެއް އޮޅިގެން އިންޖީނު ހުއްޓުމުގެ ހާދިސާގެ މަޢުލޫމާތު އެމްއާރްސީސީއަށް ލިބިފައިވަނީ ރޭގެ 21:38 ހާއިރުއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ހާދިސާގެ ރިޕޯރޓް ލިބުނު ހިސާބުން ޓަކުގެ ވެރިފަރާތާއިއެކު ދިޔައީ މުޢާމަލާތް ކުރަމުންނެވެ. އެގޮތުން 05 މީހުންނާއި އެކު ދަތުރުކުރި މި ޓަގު ބޯޓު ހޯދަން ކުރި މަސައްކަތުން ޓަގު ބޯޓު ފެނިފައިވަނީ މިއަދު 11:46 ހާއިރު ބ. ތުޅާދޫގެ ހުޅަނގުދެކުނުން 28.6 ނމ ބޭރުންނެވެ.

މި ޓަގު ބޯޓު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑޯނިއަރ ވެސް ވައިގެ މަގުން ވަނީ ހަރަކާތްތެރިވެފައެވެ.