ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ދުރާލާ ވިސާއަށް އެދި ހުށަހެޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޗުއްޓީއަށާއި، ވިޔަފާރިއަށް، އަދި ތައުލީމު ހާސިލްކުރުމަށާއި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ވިސާ ނަގަން ޖެހޭނަމަ، ވިސާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ މިނިސްޓްރީން ދެމުންގެންދާ ކޮންސިއުލާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިފައި އޮންނަ ކަމެއް ކަމަށެވެ.

ނަމަވެސް މިފަދަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވިސާގެ ކަންކަން އޮންނަ ގޮތުގެ މައުލޫމާތު ސާފުކޮށް، ދުރާލާ ވީހާވެސް އަވަހަށް ވިސާގެ ކަންތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

މީގެއިތުރުން ވިސާއަށް އެދި ހުށަހަޅާއިރު ލިޔެކިޔުން ފުރިހަމަތޯއާއި، ހުށަހަޅަނީ ދަތުރުކުރުމަށް ބޭނުންވާ ކެޓަގަރީގެ ވިސާއަށްތޯ ކަށަވަރުކުރުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިކަންކަން ކުރުމަށް އެވްރެޖްކޮށް 2 ނުވަތަ 3 ހަފްތާ ވަރު ބޭނުންވާތީ، އެފަދަ އެހިތެރިކަމަށް ބޭނުންވާ ފަރާތްތަކުން، އެހާ މުއްދަތު އޮއްވައި ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.

މި ދުވަސްވަރަކީ ކޮވިޑް-19ގެ ސަބަބުން، އާއްމުކޮށް ވިސާ ނެގުމުގައި ހޭދަވާ މުއްދަތަށްވުރެ ދިގު މުއްދަތެއް ހޭދަވާ ދުވަސްވަރެއްކަމަށްވުމާއެކު، މިކަމަށް އިތުރު ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.