އެމެރިކާގައި އަންގާރަދުވަހު ބޭއްވި ވާދަވެރި ރިޔާސީ އިންތިޚާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމެރިކާގެ އެކި ކަންކޮޅުތަކުގެ ސިޓީތަކާއި، ސްޓޭޓްތަކުގެ މަގުތަކަށް ބައިޑެންގެ އެތައްހާސް ސަޕޯޓަރުން ނުކުމެ އުފާފާޅުކުރަން ފަށައިފިއެވެ.

އެގޮތުން، ކެލިފޯނިއާ، ނިއުޔޯކް، ފްލޮރިޑާ، ޕެންސިލްވޭނިއާ، ވޮޝިންޓަން ޑީސީ، އެޓްލާންޓާ، މަޔާމީއާއި، އެނޫންސް ސްޓޭޓްތަކުގެ މަގުތަކަށް ބައިޑެންގެ ސަޕޯޓަރުން ނުކުމެ، ލަވަކިޔައި، ނަށައި، ބަރުގޮނުއަޅައި، އުފާފާޅު ކުރަމުން އެބަގެންދެއެވެ.

ވެރިރަށް ވޮޝިންޓަން ޑީސީގެ އެކި ހިސާބުތަކަށާއި، ވައިޓްހައުސް ކައިރިއަށްވެސް އާންމުން ޖަމާވަމުންދާ ކަމަށް މީޑިއާއިން ބުނެއެވެ.

ޖޯ ބައިޑެންގެ އުފަން ރަށް ކަމަށްވާ ޑެލަވެއާގެ މަގުތަކަށް މީހުން އަދިވެސް ގެންދަނީ ޖަމާވަމުންނެވެ. އެއީ، އިންތިޚާބު ކާމިޔާބު ވެއްޖެކަން ކަށަވަރުވިފަހުން ޖޯ ބައިޑެން ގައުމާ މުޚާތަބު ކުރައްވާނީ ޑެލަވެއަރގައި ހުންނަވައި ކަމުންނެވެ.

ބައިޑެން އިންތިޚާބު ކާމިޔާބު ކުރި ޚަބަރާއެކު، ޑެލަވެއަރގެ ރައްޔިތުން އުފަލުން ރުއިކަމަށް ވެއެވެ. ސަބަބަކީ، އެ ސްޓޭޓަކީ އެމެރިކާގެ ތާރީޚްގައިވެސް މިހާތަނަށް ރައީސްކަން ކުރެއްވި ބެފުޅަކު ނިސްބަތްނުވާ ހަމައެކަނި ސްޓޭޓަށް ވުމުންނެވެ.

ޖޯ ބައިޑެން ވެވަޑައިގަންނަވާނީ ޑެލަވެއަރއިން އެމެރިކާގެ ރައީސްކަމަށް ވަޑައިގަންނަވާ ފުރަތަމަ ބޭފުޅާއަށެވެ. ޖޯ ބައިޑެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުން ޑެލަވެއަރ މިހާރުއޮތީ އުފަލުން ފޮޅިފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ 270 އިލެކްޓޯރަލް ވޯޓު ކަމަށް ވާއިރު، މިހާތަނަށް ސާފު ކުރެވުނު ނަތީޖާއިން ޖޯ ބައިޑެންވަނީ 279 ވޯޓު ކަށަވަރު ކުރައްވާފައެވެ. ޓްރަމްޕަށް ކަށަވަރު ވެފައިވަނީ 215 ވޯޓެވެ.

އަދި ޕޮޕިއުލަރ ވޯޓު ނުވަތަ ރިޔާސީ އިންތިޚާބުގައި އާންމުންލާފައިވާ ވޯޓަށް ބަލާއިރު، އެމެރިކާގެ ތާރީޚުގައިވެސް މީގެކުރިން ރައީސަށް ލިބިފައި ނުވާ މިންވަރަށް ރެކޯޑު އަދަދަކަށް ބައިޑެންއަށް ވޯޓު ލިބިވަޑައިގެންފައި ވާކަންވެސް މިހާތަނަށް ހާމަވެފައި ވެއެވެ.