ރޫޓު ފިޔހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަން އުޅުނު މައްސަލައާއި ގުޅިގެން ހައްޔަރުުކުރި އިތުރު 3 މީހުންގެ މައުލޫމާތު އާއްމުކޮށްފިއެވެ.

ފުލުހުން ބނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ 11:40 އެހައިކަންހާއިރު، ހިނގި މިޙާދިސާގައި ފޭރިގަންނަން މަސައްކަތް ކޮށްފައިވާ މައްސަލައިގައި ފަހުން ހައްޔަރުކުރި މި ތިން މީހުންނަކީ، ފޭރުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ކަމަށެވެ.

އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.

މި މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަޙުޤީގު ކުރިއަށްގެންދިއުމަށް 15ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

މި 3 މީހުންނާއެކު މި މައްސަލާގައި މިހާތަނަށް 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ މަހުގެ 31ވަނަ ދުވަހު ފުލުހުންވަނީ، މި މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ މައުލޫމާތު އާއްމުކޮށްފައެވެ. މިހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ. މި 4 މީހުންގެ ބަންދަށްވެސް ކޯޓުންވަނީ 15 ދުވަސް ދީފައެވެ.

ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން މަސައްކަތްކޮށްފައިވަނީ ދެ ސައިކަލެއްގައި އައި 4 މީހެކެވެ.