ބުދަ ދުވަހު އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

މޯލްޑިިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ މިމަހުގެ 22ވާ ބުދަ ދުވަހު ހުޅުލޭ އިންޓަނޭޝަލް ޓަމިނަލްގެ އުތުރު ކަންކަމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާއި ހަމައަށް އެއްގަމާއި ފަޅުތެރޭގެ ބައެއް ސަރަހައްދުތައް ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ހަމަަޖެހިފައިވާ ކަމަށެވެ. އެގޮތުން މެންދުރު 12:00 އިން ހަވީރު 4:00 އަށް މި ސަރަޙައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުން، އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މިވަގުތު ކަނޑު އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރުކަމަށް އެކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ މެންދުރުފަހު 2.00 އިން ހަވީރު 4.00 އަށް މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން މަނާވާނެއެވެ. އެހެންނަމަވެސް މިވަގުތުތަކުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތި (ބޮލިބުރު ކައިރިން) އާންމު އުޅަނދުފަހަރު އަނބުރާލެވޭނެ ކަމަށް ކުންފުނިން ބުނެއެވެ. އަދި ފުލުހުން އިރުޝާދު ދެއްވާ ގޮތެއްގެ މަތިން މިސަރަހައްދުގައި ހިނގާ އުޅެވޭނެކަމަށްވެސް ކުންފުނިން ބުނެއެވެ.

https://twitter.com/MACLmedia/status/1472988377125249024

މީގެ އިތުރަށް ދުއްވާ އެއްޗެހި ދުއްވުމާއި ހިނގުންވެސް މުޅިން މަނާވާނެ ވަގުތުކޮޅެއް އަންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ. މިވަގުތުތަކުގައި އެމްއޭސީއެލް ސްޓާފް ބަހާއި އެމްޓީސީސީ ބަސް މަޑުކުރާނީ ވެސްޓަރން ޕާކިން ޒޯނަށްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިބުދަ ދުވަހު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ޝެއިޚް ހަސީނާ ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗުއްޓީގެ ބޮޑުބައެއްވެސް ރާއްޖޭގައި ހޭދަކުރެއްވުމަށް ވަނީހަމަޖެހިފައެވެ. އަދި މަޖިލީހުގެ ޖަލްސާއެއްގައި ތަގްރީރުކުރެއްވުމަށް ޝެއިޚް ހަސީނާއަށް ދައުވަތު ދެއްވުމަށްވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޝެއިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމަކީ މިހާރުވެސް ދެ ޤައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ގައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.