މޯލްޑިވްސް މީޑިއާ ކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދިވެހިބަހުގެ ހާއްސަ ވޯރކްޝޮޕެއް ފެށުމަށް ނިންމައިފިއެވެ.

ފަސް ދުވަހުގެ މުއްދަތައް ހިންގާ މި ވޯރކްޝޮޕް ފެށުމަށް ނިންމާފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި ވޯރކްޝޮޕްއަކީ ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ޝައުގުހުރި ފަރާތްތަކަށް ދިވެހިބަހުގެ ހަމަތަކާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މުއާމަލާތުކޮށް ލިޔަން ދަސްކޮށްދިނުމަށް ހިންގާ ވޯރކްޝޮޕެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.

މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުރިހާ މީސްމީޑިއާ ޕްލެޓްފޯމް ތަކެއްގައި އިއުލާނުކޮށް ހުޅުވާލާފައެވެ. ވޯރކްޝޮޕްގައި އޮންލައިންކޮށް އަދި ކުލާހަށް ގޮސް ގެން ބައިވެރި ވެވޭނެއެވެ. ވޯރކްޝޮޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމުގެ ލިންކު ކައުންސިލްގެ ސޯޝަލް މީޑިއާގައި ވަނީ އާންމު ކުރެވިފައެވެ.

މި ވޯރކްޝޮޕްގެ މަގުސަދަކީ ނޫސްވެރިން ލިޔާ ލިޔުން ތަކަކީ ދިވެހި ބަހުގެ އިލްމީ ހަމަތަކުގެ މަތީން ލިޔެ ޝާއިއު ކުރާ ލިޔުންތަކަކަށް ހެދުމާ، ދިވެހި ބަހުގެ ކުށުގެ ވެށިން ނޫސްވެރިކަން ސަލާމަތްކުރުމާ، އަދި އަދަބު އިހުތިރާމާއިއެކު ނޫސްވެރިންނަށް މުއާމަލާތްކުރަން ދަސްކޮށްދިނުމެވެ.