ދިވެހިރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަައްޓާނެކަމުގެ ޔަގީންކަން ނައިބު ރައިސް ފައިސަލް ނަސީމް، ޗައިނާގެ ސަފީރު ވަން ލީޝިންއަށް އަރުވައިފިއެވެ.

ނައިބު ރައީސް ފައިސަލް މިކަން ފާހަގަކުރައްވާފައިވަނީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން، ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ، ކޮވިޑްގެ ޙާލަތުގައި ޗައިނާއިން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. މީގެއިތުރުންވެސް ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި ސިއްހަތާއި އުމްރާނީ ތަރައްޤީއާއި، މަތީ ތައުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ނައިބު ރައީސް ފައިސަލް ވަނީ ދިވެހިރާއްޖެއިން "ވަން ޗައިނާ" އުސޫލުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވާފައިވެއެވެ. ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއަށް ބައިވެރިވެވުމުގެ ސަބަބުން ކޯވިޑް19 އަށްފަހު ޤައުމުގެ އިޤްތިޞާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވިކަން ފާހަގަކުރެއްވިއެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ވަނީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވާލައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ހުޅުވާލެއްވީތީ، އެކަމަށް ތައުރީފް ކުރައްވާފައެވެ.

އަދި އަންނަ އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވާ އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.