ސުނާމީ ކާރިސާގެ ހަނދާންތައް އަދިވެެސް އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ. އެ ބިރުވެރި ދުވަހުގެ އެ ނާމާންކަން ތަޖުރިބާ ކުރި މީހުންނަށް އަދިވެސް އެދުވަސް ވެގެންދަނީ ދެމިގެންދާ ވޭޭނަކަށެވެ. އެ ތަޖުރިބާގެ ހިތި ހަނދާންތަކުން ލޯތައް ފެންކަޅު ކުރުވައެވެ.

މިއީ މ. މުލީ ބިއުޓީ ފްލާވާ މަރިޔަން ރަޝީދާ 2004 ގެ ސުނާމީ ކާރިސާ ކިޔައިދިން ގޮތެވެ.

އެއީ އަޅުގަނޑުގެ އެއްމާބަނޑު ދެކުދިން ޚިތާނުކޮށް ނިމުނު ދުވަސްވަރެވެ. މާލޭގައި ކިޔަވަން ހުރި އަންހެން ދަރިފުޅު ވެސް ޗުއްޓީއަށް ރަށަށް އައިސް ހުރި ދުވަސްވަރެކެވެ. އޭނާ ބޭރުގައި ހުރެފައި މަންމާ މިރަށަށް އެއްޗެއް އެބަ އަރައޭ ގޮވާލުމުން ނުކުމެ ބަލާލި އިރު ރަށުގެ ރުށްގަސްތަކަށްވުރެ މަތިން މޫދު އަރައިގެން އަންނަތަން ފެނުނެވެ. ވާނުވާ ނޭގި ފުރަތަމަ ވެސް ދެވުނީ އަތިރިމައްޗަށެވެ. ރާޅު ކައިރިވަމުން އަންނަން ފެށުމުން ކުޑަ ދެކުދިން ދެކިހިއްޔަށް ޖަހައިގެން އަނެއް ދެކުދިން ގޮވައިގެން ދުއްވައިގަތީ ހޮސްޕިޓާ މަގުންނެވެ. ހޮސްޕިޓަލުން ނުކުމެ ތިބި އެންމެންގާތު ރާޅު އަންނަ ވާހަކަ ބުނީމެވެ. އޭރު ދުލުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ގިޔާމަތްވަނިއްޔޭވެސް ގޮވުނެވެ. ބައެއް މީހުންނަށް އެ ރާޅުގެ އަޑު ނީވޭތީ އަޅުގަނޑު މޮޔަ ގޮވަނީ ކަމަށް ވެސް ހީކުރިއެވެ. އެމީހުނަށް އެ އަޑު ނީވުނީ ހޮސްޕިޓަލު އިންޖީނު ހިންގާފައި ހުރީމާ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އަޅުގަނޑަށް ބާރަށް އެއަޑު އިވެއެވެ. އެންމެނަނަށް ގޮވާ ރޮމުން ދުވަމުން، ހޮސްޕިޓަލް ފަސްނުދެވެނީސް ރާޅު އަޅުގަނޑުމެނާ އަރާހަމަކޮށްފިއެވެ. އޭރު ހޮސްޕިޓަލުގެ އެނދުގައި އޮތް ދުވަސްވީ ބަލިމީހަކު ގޮދަޑިއާއެކު އޮޔާ ދެއެވެ. އޭނާގެ މާމަދަރިވެސް މާމަގައިގައި ހިފަހައްޓައިގެން އޮތެވެ. އިތުރު އެހެން މުވައްޒަފަކުވެސް އޮޔާ ދާތަން ފެނެއެވެ. ރާޅާއެކު ބޮޑެތި ހަންތަކާއި ފާރުތަކުން ނެއްޓިގެން އަންނަ ބައިތައް އާދެއެވެ.

ދަރިންކޮޅު ގޮވައިގެން ގެއަކަށް ގޮސް ވަދެ ހިނގައިގަތް ތަނާ އެއްދަރި ގެއްލިއްޖެއެވެ. ރޮއިގެންފައި ދެކޮޅު ހޯދަނިކޮށް އޮއިވަރާއެކު އައި ދޮރުފަތެއްގައި އެލިގަނެގެން ދަރިފުޅު އޮތްވައި ފެނުނެވެ. އަވަހަށް ދަރިފުޅު ނަގައި ހުރިހާކުދިން ގޮވައިގެން ފިރިހާ މަސައްކަތް ކުރަމުންދާ ގެއާދިމާއަށް މިސްރާބު ޖެހީމެވެ. އޭރު ކުރިން ވަންގެއިން އަވައްޓެރިއާ އޭނާގެ ދަރިފުޅު ގެއްލިގެން ހޯދަނީއެވެ.

ފިރިމީހާ މަސައްކަތްކުރާ ގެއާ ހަމައަށް ދެވުނުއިރު އެގޭ ގޯތީވެސް އޮތީ ކުދިންގެ އިސްކޮޅު ނުޖެހޭ ވަރަށް ފެންބޮޑުވެފައެވެ. ދެން ދެމަފިރިން ވެގެން ކުދިން ނަގާ އެގޭ ގޯތިތެރޭހުރި ހިރުނދުގަހަކަށް އެރުވީއެވެ. އެގެއިން އޮޔާ ދާތަކެތީގެ ތެރޭގައި އޮތް ގޯންޏެއްގެ ތެރޭގައި ލައިފްޖެކެޓްތައް ހުންނާނޭ އެގޭގެ ވެރިފަރާތުން ގޮވާލިއެވެ. ދެން އެ ގޯނި ނަގާ ކުދިން ލައިފް ޖެކެޓް އެޅުވީއެވެ. ރާޅު ދަމާލުމުން ކުދިންކޮޅު ގޮވައިގެން ރަށުގެ ރައްޔިތުން ދާ ދިމާއަށް ސްޓޭޖް ކައިރިއަށް ދިޔައީއެވެ. އެތަނުން އޮޑިފަހަރުތަކަށް މީހުން އަރުވަމުން ގެންދެއެވެ. މީހުންގެ ރުއިމުގެ އަޑާއި ޒިކުރުގެ އަޑުން މުޅިތަންވަނީ ގުގުމާލައިފައެވެ.

އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމާއި ހައިރާންކަމެވެ. އާއިލާގެ މެންބަރުންނާއި ދަރިންނާއި މައިންބަފައިން ވީނުވީތަނެއްނޭނގި ހޯދަމުންދާ ރައްޔިތުން ލޮލުން ކަރުނަ ނުހިކެއެވެ. އަޅުގަނޑުވެސް އެތަނަށް ދެވުމާއެކު އެއްބަނޑު އެހެންކުދިންނާއި އެމީހުންގެ ދަރިން ކޮބައިތޯ ހޯދަންފެށީމެވެވެ. އެކަކުވެސް ނުފެނުމުން އެމީހުން އުޅޭ ގެއަށް ފިރިމީހާ ފޮނުވީމެވެ. އެތައް އިރެއްވީއިރުވެސް ފިރިމީހާގެ ޚަބަރެއްނުވިއެވެ. އޭރު ދޯނިތަކުގައި މީހުން ފުރަފުރައިގެން ދެއެވެ. އެހެންނަމަވެސް ފިރިމީހާގެ ޚަބަރެއް ނުވުމުން ދޯންޏަކަށް ނާރާ ކުދިން ގޮވައިގެން އިނީއެވެ. އެންމެފަހުން އެތާގައި އިސްކޮށްއުޅޭ މީހަކު އާދޭސްކުރުމުން ދޯންޏަކަށް އެރީމެވެ. ކުޑަ އިރުކޮޅެއްނުވެ އަނެއްކާވެސް އެރި ރާޅެއްގެ ސަބަބުން ދޯނީގައި ތިބި އެންމެން މޫދަށް ވެރުނެވެ. އެވަގުތު ހިތަށް އެރިއެވެ. ކުރިން ސަލާމަތްވިޔަސް މިފަހަރު މި ކަނޑުވީއެވެ. އެހެންނަމަވެސް ސަލާމަތުން ހުރިހާ ކުދިންނާއި އެންމެހައި ރައްޔަތުން އަނެއްކާވެސް ދޯންޏަށް އެރުވިއެވެ. ދޯނި ފުރަންވީއިރަށް ފިރިމީހާވެސް އަތުވެއްޖެއެވެ. އާއިލާގެ އެއްވެސް މެންބަރަކު ނުފެނުނެވެ.

އަޅުގަނޑުމެންތިބި ދޯނި ފުރައިގެން މުލަކާ ކައިރިވެފައިވަނިކޮށް އެހެންދޯންޏެއްގައި ކޮއްކޮ އާއި އޭނާގެ ކުދިންކޮޅު ތިއްބާފެނުނެވެ.

އަޅުގަނޑުމެން މުލަކުގައި އެރޭތިބުމަށްފަހު ކުދިންކޮޅު ބައިތިއްބާފައި އަނެއްދުވަހު ރަށަށް އައިސް މަސައްކަތް ފެށީމެވެ. ގޭދޮށް ސާފުކޮށް އަލުން ދިރިއުޅުން ފެށުމަށް ހުރިހާ ރައްޔިތުން މަސައްކަތް ފެށިއެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ފޫނުބެއްދުނަސް މަސައްކަތްފެށީ އަލުން އާ ދިރިއުޅުމެއް ހޯދުމަށެވެ. ރޭގަނޑު މަސައްކަތްކުރީ ފުޅި ބައްތީގެ އަލީގައެވެ. ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވި ނަމަވެސް ހިތްވަރާއި އަޒުމާއެކު މަސައްކަތް ކުރީއެވެ. ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވީނަމަވެސް ލިބުނު އެއްޗަކުން ފުއްދައިގެން އެކަކަށް ލިބޭ އެއްޗެއް އަނެކަކަށްވެސް ހިއްސާކޮށްގެނެވެ. ހުރިހާ ރައްޔިތުން ގުޅިގެން ރަށް އާބާދުކުރުމަށް މަސައްކަތް ފެށީއެވެ. ފަސް އެނބުރި ނުބަލައި ގަދަ ހިތްވަރާއި އަޒުމާއެކު ފެށި މަސައްކަތުން މަދު ދުވަސްކޮޅެއްގެތެރޭގައި ރަށުގައި ދިރިއުޅެވޭ ވަރުވެއްޖެއެވެ. އެހެންނަމަވެސް އެ ދުވަހުގެ ކާރިސާ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެއެވެ.