އިންސާނާގެ ޙަޔާތުގައި އޭނާ ކުރާ ކަންތައްތަކުގެތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ދަރިން ތަރުބިއްޔަތު ކުރުމެވެ. މި މަސައްކަތް ވީހާވެސް ފުރިހަމަ ގޮތެއްގައި ކުރަން ބޭނުންނަމަ، މިކަމުގެ ޢިލްމާއި ތަޖްރިބާ ހޯދަން ޖެހެއެވެ. އަދި މި ކަމުގައި ހެދޭ ގޯސްތައް ފާހަގަކޮށް، އެކަންކަން ރަނގަޅުކުރުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ހުށައަޅައިލާނީ، ދަރިން ތަރުބިއްޔަތުކުރުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް އެޅޭ، ބައެއް ކަތި ފިޔަވަޅުތަކަށެވެ.

ފުރަތަމަ ކަމަކީ

މައިންބަފައިންނާއި ދަރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލު ނުކޮށް ދޫކޮށްލުމެވެ. މިފަދަ މައްސަލަތައް ޙައްލު ނުކޮށް ދޫކުރަމުން ގެންދާނަމަ، އެ މައްސަލަތައް އެއްދުވަހުން އަނެއް ދުވަހަށް ފުނި ޖެހި، މައިންބަފައިންނާއި ދަރިންގެ މެދުގައި ދާއިމީ ހަނގުރާމައެއް ފެށިދާނެއެވެ.

ދެވަނަ ކަމަކީ

މައްސަލައިގެ ކުޑަބޮޑު މިނަށް ނުބަލައި މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރުމެވެ. ބޮޑު މައްސަލައެއްނަމަ އެކަން ހައްލުކުރުމުގައި ސީރިއަސް ނުވެ، ވަރަށް އާދައިގެ ގޮތަކަށް ފިޔަވަޅު އަޅައިފިނަމަ، ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ. އަދި، ވަރަށް ކުޑަ މައްސަލައަކާމެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅައިފިނަމަ، އޭގެ ސަބަބުން ކުއްޖާގެ ސުލޫކަށް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެއެވެ.

ތިންވަނަ ކަމަކީ

ކުއްޖާގެ ކިބައިން ޙާޞިލްވާނެ ކަމަށް ހީކުރެވޭ ކަންތައްތަކަކީ، އޭނާގެ ޢުމުރާ އެކަށީގެން ނުވާ ކަންތައްތަކަށް ވުމެވެ. މީގެ ސަބަބުން، މައިންބަފައިންގެ ކެތްތެރިކަން ގެއްލި، ޢުމުރާ ނުގުޅޭ ކަންކަން ގަދަކަމުން ކުރުވާ ހިސާބަށް މައްސަލަ ގޯސްވެގެން ހިނގައިދެއެވެ. އެހެންކަމުން ކުދިންގެ ޢުމުރާ ނުބައްދަލު ކަމެއް އެ ކުދިންގެ ކިބައިން ޙާޞިލްވުމަށް ބޭނުންވުމަކީ، ތަރުބިއްޔަތުގެ ގޮތުން އެޅޭ ކަތި ފިޔަވަޅެކެވެ.

ހަތަރުވަނަ ކަމަކީ

ކަނޑައެޅިފައިވާ ތަރުބިއްޔަތުގެ މަންހަޖާ އެއްގޮތަށް ދަރިން ކުރިޔަށް ދިއުމަށް މަސައްކަތް ކުރޭތޯ ދުވަހުން ދުވަހަށް ބަލަމުން ނުގެންދިއުމެވެ. އަދި މިކަން ބަލަމުން ގެންގޮސްފައި، ވަކި ހިސާބަކުން ހުއްޓާލުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.

ފަސްވަނަ ކަމަކީ

ދަރިން ޢަމަލުކުރަންވީ ޤަވާއިދުތަކާއި، ކަންކަމުގައި ގެންގުޅެއްޖެހޭ ޙައްދު ކަނޑައެޅިފައި ނެތުމެވެ. ޢުމުރުގެ ގޮތުން ޅަ ކުދިންގެ ތެރެއިން ގިނަ ކުދިންނަށް، އެ ކުދިން އުޅޭނެ ޤަވާއިދުތަކެއް ދެއްކި، ކަންކަން ކުރުމުގައި ވަކި ޙައްދެއް ކަނޑައެޅިފައި ނުވާނަމަ، ބޮޑުވެގެން ވަކި ނިޒާމަކަށް އުޅުންވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަބަބަކީ، އެކަން އެ ދަރިންގެ ކިބައިގައި އަށަގެންފައި ނެތުމެވެ.

ހަވަނަ ކަމަކީ

ދަރިންނަށް ހަޅޭއްލައި ޖަދަލުކުރުމެވެ. މިގޮތަށް ކަންތައް ކުރުމުގެ ނަތީޖާއަކަށްވާނީ، ދަރިންގެ ކިބައިގައި ރުޅި ގަދަވުމާއި ގޮތް ދޫނުކުރުމުގެ ސިފަ އަށަގަތުމެވެ. ވީމާ، ދަރީންނަށް ހަޅޭއްލައި، ޖަދަލުކުރުމުގެ ބަދަލުގައި، އެ ދަރިންގެ ކިބައިން ހުއްޓުވަން އެދޭ ކަންތަކުގެ ގެއްލުން، ތަރުބަވީ އުސްލޫބުން، ހަނުހިމޭން ޖައްވެއްގައި ވިސްނައިދީގެން ހުއްޓުވަން މަސައްކަތްކުރުމުގެ ފައިދާ މާ ބޮޑުވާނެއެވެ.

ހަތްވަނަ ކަމަކީ

ތަރުބިއްޔަތުގެ އުސްލޫބު ބަދަލުނުކުރުމެވެ. ތަރުބިއްޔަތުގެ އުސްލޫބުތަކުގެތެރެއިން ބައެއް އުސްލޫބު، ބައެއް ކުދިންނާ ނުގުޅި ހިނގައިދާނެއެވެ. ވީމާ، އެ ބޭނުންކުރާ އުސްލޫބުން ތަރުބިއްޔަތަށް ރަނގަޅު އަސަރު ކުރަމުން ނުދާނަމަ، ވަކި ހިސާބަކުން އެހެން އުސްލޫބަކަށް ބަދަލުކޮށްލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މިސާލަކަށް، ވަރަށް މަޑުމައިތިރި ކަމާއެކު ނަޞީޙަތް ދިނުމުން ފައިދާ ނުކުރާނަމަ، ނަޞީޙަތުގެ އުސްލޫބު، އަމުރުވެރި ރާގަކަށް ބަދަލުކޮށްލާނީއެވެ.