ހުޅުމާލެ ބިމަށް މާލޭ ސިޓީ ކައުންސިލުގެ މިލްކުވެރިކަން ނުހިނގާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން މިހެން ބުނެފައިމިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން 60 ގޯތި ވިއްކުމަށް އެޗްޑީސީން ނިންމި ނިންމުމުން ލާމަރުކަޒީ ގާނޫނާ ހިލާފު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅިގެން އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ ބިމަކީ ކައުންސިލުގެ އިދާރީ އިހުތިސާސު ހިނގާ ސަރަހައްދުގައިވާ ބިމެއް ކަމަކު، ހުޅުމާލެ ބިމަކީ މާލޭ ސިޓީ ކައުންސިލުގެ މިލްކުވެރިކަން އެބިމުގެ މައްޗަށް ހިނގާނެ ބިމެއް ނޫންކަން ލާމަރުކަޒީ ގާނޫނުގެ 2-56 (ށ) އަށް ބެލުމުން އެނގޭ ކަމަށެވެ.
އެޗްޑީސީ އަކީ ކުންފުންޏާއި ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ވެފައިވާ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމާއި، ދެމިގެންވާ ގޮތަށް މުދާ ލިބިގަތުމުގެ ގާނޫނީ ހައްގު ލިބިދީފައިވާ ވަކި ގާނޫނީ ޝަހުސަކަށް ވާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ވިއްކުމުގެ ފުރިހަމަ އިހުތިޔާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
"އެހެންކަމުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މި ކުންފުންޏަށް ލިބިފައިވާ ގާނޫނީ ހައްގަކަށް އުނިކަން އަންނާނެ އަދި އިންވެސްޓަރުންގެ މެދުގައާއި އާއްމު ފަރުދުންގެ މެދުގައި މި ކުންފުނީގެ އިތުބާރު ގެއްލޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނަކީ އޭގައި ހަގީގަތާއި ހިލާފު އޮޅުވާލުންތަކެއް ހިމެނޭ ބަޔާނަކަށްވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން" އެ ބަޔާނުގައި ވެ އެވެ.
މީގެއިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވުމަކީ އެ ކޯޕަރޭޝަނުން މާލޭ ސިޓީ ކައުންސިލާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފު ބަޔާނެއް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
"މާލޭ ސިޓީ ކައުންސިލުން މިފަހަކަށް އައިސް، މި ކޯޕަރޭޝަނުގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް މިފަދަ ބަޔާންތައް ނެރެމުންދިއުމުގެ ސަބަބުން، މި ކޯޕަރޭޝަނަށް ނުހަނު ގެއްލުން ލިބެމުންދާތީވެ، މިފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އިލްތިމާސްކުރަން" އެޗްޑީސީން ބުންޏެވެ.